ހުޅުމާލެ ފޭސް 2 ގެ މަގެއްގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެ އަނދައި، ކައިރީގައި ހުރި އިތުރު ދެ ކާރަކަށް ގެއްލުންތަކެއް ވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ، ހުޅުމާލެ ފޭސް 2، ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެފައިވާކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ 26 ނޮވެމްބަރު 2026 ވީ ދުވަހުގެ ދަންވަރު 02:15 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ފަޔަރ ފައިޓަރުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން، އެރޭ ދަންވަރު 02:26 ހާއިރު އަލިފާންގަނޑު ވަނީ އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި އަލިފާން ރޯވި ކާރު ވަނީ އިތުރަށް ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މީގެއިތުރުން، އެ ކާރު ކައިރީގައި ޕާކުކޮށްފައި އޮތް އެހެން ދެ ކާރަކަށް ވެސް އަލިފާނުގެ އަސަރުކޮށް، އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމަކަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.
މި ކާރުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.













