ބޭރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ބައިވެރިވުމެއް ނެތި އަމިއްލަ ބާރުގައި ވެސް ކޮންމެ ވަގުތެއްގައި އީރާނަށް ވަރުގަދަ ހަމަލާއެއް ދިނުމަށް ތައްޔާރަށް އޮތް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނަކާ ހަވާލާދީ ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އެމެރިކާގެ އެހީތެރިކަމާ ނުލައި، މިނިވަންކަމާއެކު އަމިއްލަ އިޚްތިޔާރުގައި ބާރުގެ ބޭނުންކޮށްގެން އީރާނަށް ހަމަލާދިނުމުގެ ފުރިހަމަ ޤާބިލުކަން އިސްރާއީލުގެ ސިފައިންނަށް ލިބިގެންވެއެވެ.
އިސްރާއީލުގެ މި އިންޒާރާ ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ވެރިޔާ ވިދާޅުވެފައިވަނީ، ދުޝްމަނުންގެ ބާރުތައް ފަހަތަށް ޖައްސާލުމަށް އީރާނުގެ އަސްކަރިއްޔާ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގައި އެމެރިކާއާއި އިސްރާއީލަށް ސްޓްރެޓީޖިކް ގޮތުން ބޮޑެތި ނާކާމިޔާބީތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ މަސްރަޙު މިހާރު ހޫނުވެފައިވާ ދަނޑިވަޅެއްގައި، ޔަމަނުގެ ވެރިރަށް ސަންޢާގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ކައިރިއަށް ދާދިފަހުން ދިން ވައިގެ ހަމަލާތަކަކާ ގުޅިގެން، އެ ސަހަރަށް ވަނީ ވަރުގަދަ ގޮވުމެއްގެ އަޑު އިވިގެން ގޮސްފައެވެ. މީގެއިތުރުން، ސައުދީ އަރަބިއްޔާ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް ދެ މިސައިލެއް އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމުން ވަނީ ވައްޓާލާފައެވެ.
މި ހަމަނުޖެހުންތަކުގެ އިތުރުން، ޣައްޒާއަށް އިސްރާއީލުން ދެމުންދާ ވައިގެ ހަމަލާތަކުގައި ޣައްޒާގެ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ޚާލިދު އަބޫ ނަދާއާއި އޭނާގެ އަނބިކަނބަލުން ވަނީ ޝަހީދުވެފައެވެ. މި ހަމަލާއާ ގުޅިގެން އިސްރާއީލުން ތުހުމަތުކޮށްފައިވަނީ އަބޫ ނަދާއަކީ ޙަމާސްގެ އިޤްތިޞާދީ އަދި ތަޢުލީމީ ކަންކަމާ ހަވާލުވެހުރި އިސް ފަރާތެއް ކަމަށެވެ.
މި ހާދިސާތަކާއެކު މުޅި މެދުއިރުމަތީގެ ސަލާމަތީ މަސްރަޙު އިތުރަށް ގޯސްވެ، ސަރަޙައްދީ ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމުގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ.














