ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން، ގެދޮރު ބިނާކުރުމަށް އެހީ ދޭ ”ހެލްޕް-ޓު-ބިލްޑް“ ސްކީމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އަންނަ އާދިއްތަ ދުވަހު ރަސްމީކޮށް ހުޅުވާލާނެކަމަށް ބުނެފިއެވެ.
މި ސްކީމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުސޫލު ނަންބަރު 30-ޖީ/2026 (ގެދޮރު ބިނާކުރުމަށް އެހީ ދޭ (ހެލްޕް-ޓު-ބިލްޑް) ސްކީމުގެ އުސޫލު) ގެ ދަށުންނެވެ.
މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި ސްކީމުގެ ދަށުން އެހީއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނީ 2026 ނޮވެންބަރު 29 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެންނެވެ.
މި ސްކީމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ސަރުކާރުގެ ބޯހިޔާވަހިކަމާ ގުޅޭ ރަސްމީ ޕޯޓަލް ކަމަށްވާ ”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް އޮންލައިންކޮށެވެ.
އުސޫލު ނަންބަރު 30-ޖީ/2026 ގެދޮރު ބިނާކުރުމަށް އެހީ ދޭ (ހެލްޕް-ޓު-ބިލްޑް) ސްކީމުގެ އުސޫލުގެ ދަށުން ގެދޮރު ބިނާކުރުމަށް އެހީއަށް އެދި ހުށަހެޅުމަށް ހުޅުވާލުމާ ގުޅޭ
އިއުލާނު: https://t.co/Mc8PU9N1b2
އުސޫލު: https://t.co/YToLgCY9eP pic.twitter.com/VhRpMkGz4J— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) November 26, 2026
”ހެލްޕް-ޓު-ބިލްޑް“ ސްކީމަކީ އަމިއްލަ ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި ފަރާތްތަކަށް ލޯނު ނެގުމުގައި ބޭނުންވާ އިކުއިޓީގެ ގޮތުގައި ސަރުކާރުން ހިލޭ އެހީ ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޚާއްޞަ ސްކީމެކެވެ.
މި ސްކީމުގެ ދަށުން ބިންތައް ތަރައްޤީކުރުމަށް 1 މިލިއަން ރުފިޔާއާ ހަމައަށް އިކުއިޓީގެ ގޮތުގައި ހިލޭ އެހީ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ސްކީމަށް ޝަރުޠު ހަމަވާ ފަރާތްތަކާއި، އެހީ ދިނުމުގައި ބަލާނެ މިންގަނޑުތަކުގެ އިތުރުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލު ގެޒެޓުކޮށްފައިވާ އުސޫލުގައި ވަނީ ހިމަނާފައެވެ.












