ގއ. ކަނޑުހުޅުދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގއ. ކަނޑުހުޅުދޫ / ނެސްޓް، އުމުރުން 20 އަހަރުގެ ޢަލީ އައިހަމް އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ކަނޑުހުޅުދޫ ޕޮލިސް އަދި ގެމަނަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން މި ހިނގާ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަންގައި ކަނޑުހުޅުދޫ ބަނދަރު ސަރަހައްދުން އައިހަމް ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 14 ގުރާމް ހުރިކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.














