ހުޅުމާލެ ހޮސްޕިޓަލްގެ ޖާގަ އިތުރުކުރުމުގެ ގޮތުން އެ ހޮސްޕިޓަލާ އިންވެގެން އޮތް ބިމުގައި 250 އެނދުގެ އާ އިމާރާތެއް އެޅުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ހެލްތު މިނިސްޓަރ ޤީލާ އަލީއެވެ.
މިނިސްޓަރ ވިދާޅުވީ، ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނާތީ ސިއްހީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލް އެކްސްޕެންޝަން މަޝްރޫޢު މިހާރު ކޮންޓްރެކްޓަރަކާ ހަވާލުކުރެވިފައިވާ ކަމަށާއި، މި ވަގުތު ކުރިއަށްދަނީ އެ މަޝްރޫޢުގެ ޓެކްނިކަލް ޕްލޭންތަކާއި ޑިޒައިން ކުރުމުގެ މަރުހަލާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢު ނިމިގެންދާއިރު ހޮސްޕިޓަލުގެ ޖާގައާއި އެނދުގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެއެވެ. އަދި އާ އިމާރާތާއެކު، އިތުރު ސްޕެޝަލިޓީ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރެވި، އެންމެ ފަހުގެ ވަސީލަތްތަކާ އެކު ޒަމާނީ އޮޕަރޭޝަން ތިއޭޓަރެއްގެ ޚިދުމަތް ވެސް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި، މާލެ ސަރަހައްދުން އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ގިނަ އަދަދެއްގެ އާންމުންނަށް ލުއިފަސޭހަކަމާއެކު ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބުމަށް މަގުފަހިވެގެންދާނެއެވެ.














