މަކަރާއި ހީލަތުން ހޯދާ ފައިސާ ޓްރާންސްފަރ ކުރުމަށާއި، އޭޓީއެމް މެދުވެރިކޮށް އެ ފައިސާ ނެގުމަށްޓަކައި ކުށްވެރިން ރައިޑް-ހެއިލިންގ (ޓެކްސީ) އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުން މިކަމަށް ސަމާލުވުމަށް އެދިފައިވަނީ ރައިޑް-ހެއިލިންގ ޑްރައިވަރުންނާއި، ޑެލިވަރީ ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން އާންމު ރއްޔިތުންނަށެވެ.
ފުލުހުން ބުނީ، ސްކޭމަރުން ދަނީ ޑްރައިވަރުންނާއި ޑެލިވަރީ މަސައްކަތްތެރިންގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގައި ހަވާލުކޮށްދިނުމުން އިތުރު ފައިސާ ނުވަތަ ބޮޑެތި ޓިޕްސް ދޭނެ ކަމަށް ބުނެ ހުށަހަޅަމުން ކަމަށެވެ. މިއީ އިތުރު އާމްދަނީއެއް ހޯދުމަށް ލިބޭ ފުރުސަތެއް ކަމަށް ހީވި ނަމަވެސް، މިފަދަ ކަންކަމުގައި ބައިވެރިވުމަކީ ތިމާއަށް ނޭނގި ނަމަވެސް މާލީ ބޮޑު ކުށެއްގައި ބައިވެރިވެވޭނެ ކަމެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.
މި ސްކޭމް ހިންގާ ގޮތް
ފުލުހުން ހާމަކުރި ގޮތުގައި، ސްކޭމަރުން އެންމެ ފުރަތަމަ އެޕްލިކޭޝަނެއް މެދުވެރިކޮށް ދަތުރެއް ނުވަތަ ޑެލިވަރީ އޯޑަރެއް ރިކުއެސްޓް ކުރެއެވެ. އަދި ޑްރައިވަރު އެ ރިކުއެސްޓް ގަބޫލުކުރުމުން، އެޕްލިކޭޝަންގެ ރަސްމީ ޗެނަލްތަކުން ބޭރުން ސީދާ ޑްރައިވަރަށް ގުޅައި މުއާމަލާތް ފަށައެވެ. އެއަށްފަހު، ތަފާތު ބަހަނާތައް ދައްކައިގެން ޑްރައިވަރުގެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު، އެ ފައިސާ އޭޓީއެމް އިން ނަގައި ވަކި މީހަކާ ހަވާލުކުރުމަށް އެދެއެވެ. މިކަމަށް އެއްބަސްކުރުވުމަށް ދަތުރުގެ އަގަށްވުރެ އިތުރަށް ބޮޑު ޓިޕެއް ވެސް ހުށަހަޅައެވެ.
މިގޮތަށް އެކައުންޓްތަކަށް ޖަމާކުރާ ފައިސާއަކީ އެހެން މީހުންނަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާ ކަމަށާއި، މި ފައިސާ ނަގައި ހަވާލުކޮށްދިނުމުން ޑްރައިވަރުންނަށް ނޭނގި ނަމަވެސް އެ އެހީތެރިވެވެނީ ކުށްވެރިން ވަގަށް ނަގާ ފައިސާ ދައުރުކުރުމަށާއި އޭގެ އަސްލު އޮޅުވާލުމަށް ކަމަށް ފުލުހުން ބުންޏެވެ. މި އަމަލަށް ކިޔަނީ ”މަނީ މިއުލިންގ“ އެވެ.
މިކަމުގައި ހުރި ނުރައްކާތައް
މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާ އެކައުންޓަށް ޖަމާވުމުން ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރޭގައި:
- އަމިއްލަ ބޭންކް އެކައުންޓްތައް ފްރީޒްވުން ނުވަތަ އެކައުންޓް ބޭނުންކުރުން ހުއްޓުވުން.
- ހަލާލު ގޮތުގައި ހޯދާ އާމްދަނީއަށާއި ދުވަހުން ދުވަހަށް ކުރާ މާލީ މުއާމަލާތްތަކަށް ބުރޫއެރުން.
- މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހުމާއި، ގެއްލުމުގެ ބަދަލު ދޭންޖެހުން
- ޖިނާއީ ތަހުގީގުތަކަށް ހާޒިރުކުރެވި، މައްސަލައިގައި ބައިވެރިވި މިންވަރަކުން ގާނޫނީ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހުން.
ފުލުހުން ފާހަގަކުރި ގޮތުގައި، ނަގުދު ފައިސާ ހަވާލުވުމުން ސްކޭމަރުން ފިލައިގެންދާއިރު، ބޭންކުތަކަށާއި ތަހުގީގީ އިދާރާތަކަށް ޖަވާބުދާރީވާން ޖެހެނީ އެކައުންޓްގެ ވެރިފަރާތަށެވެ.
ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް
މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި، ކަސްޓަމަރުން ނުވަތަ ނުދަންނަ މީހުން ފައިސާ ޖަމާކުރުމަށާއި ނަގުދު ފައިސާ ނެގުމަށް އަމިއްލަ އެކައުންޓް ބޭނުންކުރަން ފުރުސަތު ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހަމައެކަނި ދަތުރުގެ ނުވަތަ ޑެލިވަރީގެ އަސްލު އަގު ފިޔަވައި އިތުރު ފައިސާ ނަގައިދިނުމަށް އިންކާރުކުރުމަށާއި، ހުރިހާ މުއާމަލާތެއްވެސް ޕްލެޓްފޯމްތަކުގެ ރަސްމީ ނިޒާމުގެ ތެރެއިން ހިންގުމަށް ވަނީ އެދިފައެވެ. މީގެއިތުރުން، އެއްވެސް ފަރާތަކާ ބޭންކިންގ ޕާސްވޯޑާއި އޯޓީޕީ ހިއްސާނުކުރުމަށްވެސް ހަނދާންކޮށްދީފައިވެއެވެ.
އެކައުންޓަށް ޝައްކުކުރެވޭ ފަދަ ފައިސާއެއް ޖަމާވެއްޖެނަމަ، އެ ފައިސާ ނެގުމާއި އެހެން ފަރާތަކަށް ބަދަލުކުރުމުގެ ބަދަލުގައި، ވަގުތުން ބޭންކަށާއި ފުލުހުންނަށް އެންގުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި އެކަމާ ގުޅޭ މެސެޖުތަކާއި ކޯލް ރެކޯޑުތައް ފަދަ ހެކިތައް ރައްކާތެރިކުރުމަށާއި، މިފަދަ ޝައްކުކުރެވޭ މައްސަލަތައް ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.













