ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް، އިޤްތިޞާދީ ތަރައްޤީއާ ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ގިނަ އަތޮޅުތަކުގައި އަމިއްލަ ފަރާތްތަކުން އަގުބޮޑުކޮށް ތެޔޮ ވިއްކަމުންދާ ދިއުމަށް ދާއިމީ ޙައްލެއް ގެނެސްދީ، ކޮންމެ އަތޮޅަކުންވެސް ހެޔޮ އަގުގައި ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަޝްރޫޢެކެވެ.
ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤު އަޙުމަދު ވިދާޅުވީ، އާންމު ފިއުލް ސްޓޭޝަން ޤާއިމުކުރުމަށް ދަތި ރަށްރަށުގައި މި މަޝްރޫޢު ކުރިއަށް ގެންދަނީ މޮޑިއުލަރ ފިއުލް ސްޓޭޝަން ނުވަތަ ފިއުލް ސްކިޑްތައް ބަހައްޓައިގެން ކަމަށެވެ. އެގޮތުން ދެ ފިޔަވައްސަކަށް ބަހާލައިގެން ޖުމްލަ 34 ރަށެއްގައި މި ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ފުރަތަމަ ފިޔަވަހީގެ ދަށުން 19 ރަށެއްގައި ފިއުލް ސްކިޑް ތަރައްޤީކުރާއިރު، އޭގެ ތެރެއިން 85 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި 6 ނޮވެންބަރު 2026 ގެ ނިޔަލަށް 10 ސްޓޭޝަނަކުން ޚިދުމަތް ދޭން ފަށާފައިވާ ކަމަށާއި، ދެވަނަ ފިޔަވަހީގައި އިތުރު 15 ރަށެއް ހިމެނޭހެން، 2027 ވަނަ އަހަރުގެ ނޮވެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ރަށެއްގެ މަސައްކަތް ނިންމުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުގައި ފިއުލް ސްކިޑް ހެދުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ. އަދި މި މަޝްރޫޢުގެ ފުރަތަމަ ފިއުލް ސްކިޑް 2025 ވަނަ އަހަރު ރ. ދުވާފަރުގައި ވަނީ ޤާއިމުކޮށްފައެވެ.
މި މަޝްރޫޢު ފުރިހަމަވުމުން، މަސްވެރިން ތެޔޮ ހޯދުމަށް ކުރާ ހޭދައާއި ދިގު ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މީގެއިތުރުން ސިނާޢީ މަސައްކަތްތައް ކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެފައިވާ ތެލުގެ އަގުބޮޑުވުމުގެ ތަކުލީފުތަކަށް ނިމުމެއް އައިސް، މާލެއެކޭ އެއް އަގެއްގައި ރަށްރަށުން ތެޔޮ ލިބިގެންދާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ.














