Tuesday, 24 November 2026

Ads by

ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟

ދިވެހިރާއްޖޭގެ ޒަމާންވީ ބޯހިޔާވަހިކަމުގެ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ތާރީޚީ ”ރަސްމާލެ“ މަޝްރޫޢު ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން ތެޅިފޮޅެމުންދާ މަންޒަރަކީ ސިޔާސީ ގޮތުން ރައްޔިތުންގެ ލޮލުގައި އަނދުންއަޅުވަން ކުރާ ބޭކާރު މަސައްކަތެކެވެ. ރަސްމާލެ މަޝްރޫޢު ބޭރުގެ ކުންފުންޏަކާ ހަވާލުކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށް ބުނެ އިދިކޮޅުން އަޑުއުފުލަމުން ދަނީ، މާޒީގައި އެ ބޭފުޅުންގެ ވެރިކަންތަކުގައި ގައުމުގެ އެންމެ ބޮޑެތި އަދި ނާޒުކު ނިންމުންތައް ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ނެތި ނިންމާފައިވާ ހަގީގަތް އެއްފަރާތްކޮށް، ދެފުށްދެގޮތް ސިޔާސަތެއްގެ ދަށުންނެވެ. ރައީސް ޑރ. މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގެ އިގުތިސާދާއި ރައްޔިތުންގެ ދިރިއުޅުމަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ މިފަދަ ބޮޑު މަޝްރޫޢެއް ކުރިއަށްދާތީ، އެކަން ހަޖަމުނުވެގެން އިދިކޮޅުން އަނބުރާ ސިޔާސީ ގޭސްގަނޑަކީ އެއްވެސް އަސާސެއް ނެތް ތާކުންތާކު ނުޖެހޭ ވާހަކަތަކެކެވެ.

ދިވެހި ތާރީޚަށް ބަލާއިރު، ގައުމުގެ މިސްރާބު ބަދަލުކޮށްލި ބޮޑެތި ކަންކަން ނިންމާފައިވަނީ ރައްޔިތުންގެ ގާތު އަހައިގެން ނޫންކަން ލިޔެވިފައިވާ ހެކިތަކުން ސާފުވެއެވެ. ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ގާނޫނުއަސާސީ އިސްލާހުކުރުމަށް އިސްލާހީ އެޖެންޑާއެއް އިއުލާނުކުރައްވައި އެ މަސައްކަތް ފެއްޓެވީ ދިވެހިންގެ އަޣުލަބިއްޔަތު އެކަމަށް އެދޭތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަންގަވައިގެނެއް ނޫނެވެ. އަދި އެއިރުގެ ބަންޑާރަނައިބު ޑރ. މުނައްވަރުގެ ގާނޫނީ ލަފައާ ޚިލާފަށް، ފަހުން ބަންޑާރަނައިބަކަށް ހުންނެވި ޑރ. ޙަސަން ސަޢީދުގެ ލަފައަށް ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދެއްވުމުގެ ބޮޑު ނިންމެވުން ނިންމެވީވެސް ރައްޔިތުންގެ ހިޔާލު ހޯދުމެއް ނެތިއެވެ. މީގެ އިތުރުން ކޮންމެ 5،000 ރައްޔިތަކަށް މަޖިލީހުގެ ދާއިރާއެއް އުފައްދައި، އާބާދީ ބޮޑުވާ ނިސްބަތުން މެންބަރުންގެ އަދަދު އިންތިހާއަށް އިތުރުވާ ގޮތަށް 2008 ވަނަ އަހަރު ތަސްދީގުކުރި ގާނޫނުއަސާސީގައި ހިމެނުއްވީވެސް ރައްޔިތުންގެ ވޯޓަކުން ނޫނެވެ.

އެއަށްފަހު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކަންކަން ނިންމެވި ގޮތަކީވެސް ރައްޔިތުންގެ ބަހެއް ނެތި ހިންގި ބޮޑެތި ކަންކަމެވެ. ގާނޫނުއަސާސީގައި އިދާރީ ދާއިރާތަކަކީ އަތޮޅުތަކާއި ރަށްތައް ކަމުގައި ބަޔާންކޮށްފައި ވަނިކޮށް، ގައުމު ފޮތިފޮތިކޮށް ޕްރޮވިންސްތައް އުފައްދަވައި ސްޓޭޓް މިނިސްޓަރުން އައްޔަންކުރެއްވީ ރައްޔިތުންގެ ގާތު އަހައިގެނެއް ނޫނެވެ. އަދި ގައުމީ ސަލާމަތާއި އިގުތިސާދީ މައިބަދަ ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު 25 އަހަރަށް، ކުޑަ އަގެއްގައި ބޭރުގެ ޖީއެމްއާރް ކުންފުންޏަށް ދޫކޮށްލެއްވީ އެއްވެސް މިންވަރަކަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެނެއް ނޫނެވެ. އޭގެ އިތުރުން ދައުލަތަށް އެންމެ ބޮޑު ފައިދާއެއް ވަންނަ ދިރާގުގެ މެޖޯރިޓީ ހިއްސާ ބޭރު ކުންފުންޏަކަށް ވިއްކާލުމާއި، އެމްޑަބްލިއުއެސްސީގެ ހިއްސާ ވިއްކާލުން ކުރިއަށް ގެންދެވީ ކުރިއާލައި އިއުލާނުވެސް ނުކޮށް، ސިއްރިޔާތުގައެވެ. އަދި ގާނޫނުއަސާސީގައި ވަކި ނިޒާމެއް ކަނޑައެޅިފައި ނެތީސް ސިޔާސީ އެތައް މަގާމެއް އުފެދޭ ގޮތަށް ކައުންސިލުތައް އެކުލަވާލުމާއި، ދައުރުގެ މެދުތެރެއިން އަމިއްލަފުޅަށް އިސްތިއުފާދެއްވައި ރައްޔިތުން ހަވާލުކުރި އަމާނާތަށް ފުރަގަސްދެއްވީވެސް ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެނެއް ނޫނެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައިވެސް ގައުމުގެ އަސާސްތައް މުގުރާލި ބޮޑެތި ބަދަލުތައް ގެންނެވީ ރައްޔިތުންގެ އެއްވެސް ރުހުމެއް ހޯދުމަކާ ނުލައެވެ. ފ. އަތޮޅު ހިމިތީ ފަޅު ބޭރުގެ އިންވެސްޓަރުންނަށް ވިއްކުމުގެ ބޭނުމުގައި، 1 ބިލިއަން ޑޮލަރު އިންވެސްޓުކޮށް 70 އިންސައްތަ ހިއްކުމުން ރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ ރައްޔިތުންގެ ވޯޓަކާ ނުލައެވެ. އަދި ފަތުރުވެރިކަމުގެ ބިންތައް ދޫކުރުމުގެ ބާރު އެމްއެމްޕީއާރްސީއަށް ދީ، ތާރީޚު ނުދެކޭ ފަދަ ބޮޑު ޚިޔާނާތަކަށް މަގުފަހިކުރުމާއި، އަޙްމަދު އަދީބަށް ނައިބުރައީސްކަން ދިނުމަށްޓަކައި ގާނޫނުއަސާސީގައިވާ އުމުރުގެ ޝަރުތު ބަދަލުކުރުމާއި، ވާދަވެރި ލީޑަރުން ބާކީކުރުމަށް ރައީސްކަމުގެ މަތީ އުމުރު ކަނޑައެޅީވެސް ރައްޔިތުންނާ މަޝްވަރާނުކޮށެވެ. މީގެ އިތުރުން އެނބޫދޫ ފިނޮޅު ފަދަ އެތައް ބޮޑެތި ފަޅުތަކެއް ނުއަގުގައި ދޫކޮށްލުމާއި، ރިސޯޓުތައް ކުއްޔަށް ދޫކުރާ މުއްދަތު 25 އަހަރުން 99 އަހަރަށް ދަންމާލުމަށް ގާނޫނު އިސްލާހުކުރީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނާހައެވެ.

ހަމައެހެންމެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ދިވެހި ދައުލަތުގެ ސިޔާދަތާއި ބިމުގެ މިނިވަންކަމަށް އުނިކަން އަންނަ ފަދަ ނިންމުންތައް ނިންމެވީ ސިއްރުންނެވެ. ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިޓްލޯސްގައި ވަކާލާތުކުރުމަށާއި، ޒަމާނުއްސުރެ ޗާގޯސް މައްސަލާގައި ގެންގުޅުނު ސިޔާސަތު ބަދަލުކޮށް މޮރީޝަސްއަށް ސިޓީ ފޮނުއްވީ ރައްޔިތުންނަށް އެއްވެސް މިންވަރަކަށް އެންގުމެއް ނެތިއެވެ. އަދި ދައުލަތުގެ ބަޖެޓުން އެކި ކުންފުނިތަކަށް ބަދަލުގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއް ދިނުމާއި، ރާއްޖޭގެ ކަނޑުގެ ސިއްރުތައް ހިމެނޭ ހައިޑްރޮގްރަފީ އެއްބަސްވުމުގެ ދަށުން ބޭރު ގައުމަކަށް އެ މައުލޫމާތުތައް ދޫކޮށްލީ ރައްޔިތުންގެ ރުހުން ހޯދައިގެނެއް ނޫނެވެ.

މި ހުރިހާ ބޮޑެތި ކަންކަން މިގޮތަށް ހިންގާފައިވާ އިދިކޮޅު ފަރާތްތަކުން، މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންގެ މުސްތަގުބަލަށްޓަކައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް ހުރަސްއަޅަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރައީސް ޑރ. މުޢިއްޒަކީ ދިވެހިރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދެއްވުމަށާއި، ޚާއްޞަކޮށް ޒަމާނުއްސުރެ ހައްލެއް ނުލިބި އޮތް ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ އަދި ޒަމާނީ ހައްލެއް ގެނެސްދެއްވުމަށް ހިތްވަރާއި ސާބިތުކަމާއެކު މަސައްކަތްޕުޅު ކުރައްވާ އިޚްލާޞްތެރި ލީޑަރެކެވެ. ”ރަސްމާލެ“ މަޝްރޫޢަކީ ބޭރުގެ ވަރުގަދަ އިންވެސްޓަރުންނާ ގުޅިގެން ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު، އެންމެ އުންމީދީ އަދި ރައްޔިތުންނަށް އެންމެ ފައިދާހުރި ތަރައްގީގެ ބިޔަ މަޝްރޫޢެވެ. އެހެންކަމުން މާޒީގައި ހިޔާނާތާއި ސިއްރު ނިންމުންތަކުން ގައުމު ފަހަތަށް ޖެއްސި ފަރާތްތަކުން، ރައީސް ޑރ. މުޢިއްޒުގެ ތަރައްގީގެ ދުވެއްޔަށް ހުރަސްއަޅަން ދައްކާ ބަހަނާތަކަށް ދިވެހި ރައްޔިތުން ދެން ދުވަހަކުވެސް ނުހެއްލޭނެއެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް