ސަރަޙައްދީ ފެންވަރުގައި ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އެއް މިންގަނޑަކަށް ގެނެސް، ޤައުމުތަކުގެ މެދުގައި އޮންނަ ފަންނީ ގުޅުން ބަދަހިކުރުމަށް ބާއްވާ އޭޝިއާ-ޕެސިފިކް އެންޑް މިޑްލް އީސްޓްގެ ހަތްވަނަ ރީޖަނަލް އޮޕަރޭޝަނަލް ސޭފްޓީ ކޮމިޓީ (އާރް.އޯ.އެސް.ސީ) ބައްދަލުވުން މިއަދު ރާއްޖޭގައި ފަށައިފިއެވެ.
އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭ.ސީ.އައި) އިން އިންތިޒާމުކޮށްގެން ހުޅުލެ އައިލެންޑް ހޮޓެލް (އެޗް.އައި.އެޗް) ގައި ކުރިއަށްގެންދާ މި ބައްދަލުވުމުގެ ބައިވެރިންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
މި މަހުގެ 23 އިން 25 ގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި އެ ކޮމިޓީ ތަމްސީލުކުރައްވާ 23 މެންބަރުންނާއި 7 އޮބްޒާވަރުން ހިމެނޭހެން އޭވިއޭޝަން ދާއިރާގެ ގިނަ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވައެވެ.
ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީ.އޭ.އޭ) ގެ ޑިރެކްޓަރ އޮފް ފްލައިޓް އޮޕަރޭޝަންސް މުޙައްމަދު މަންޞޫރެވެ.
މި ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފްގެ އިތުރުން އެ ކުންފުނީގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ އެއާސައިޑްގެ ރައްކާތެރިކަމާއި، ގްރައުންޑް ހޭންޑްލިންގ އޮޕަރޭޝަންތަކުގެ އިތުރުން ރަންވޭގެ ސަލާމަތީ ކަންކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އަލަށް ތަޢާރަފުވަމުންދާ ޒަމާނީ ޓެކްނޮލޮޖީތަކުގެ މައްޗަށެވެ.
މީގެ އިތުރުން ދާއިރާގައި އަލަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް ދެނެގަނެ، ފަންނީ ތަޖުރިބާތައް ޙިއްޞާކުރުމުގެ ފުރުޞަތު މި ބައްދަލުވުމުގެ ތެރެއިން ބައިވެރިންނަށް ލިބިގެންދާނެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށް، އެއާޕޯޓުގެ އޮޕަރޭޝަންތައް ހިނގާ ގޮތް ޢަމަލީ ގޮތުން ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ޒިޔާރަތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ރާއްޖޭގެ ސީޕްލޭން އޮޕަރޭޝަންތައް ކުރިއަށްދާ ގޮތާއި، ރާއްޖޭގެ ރަށްތައް ގުޅުވައިދިނުމުގައި ވައިގެ ދަތުރުފަތުރު އަދާކުރާ މުހިންމު ދައުރު މަންދޫބުންނަށް ފެނިގެންދާނެއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގެ މިފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމަކީ ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ސަރަޙައްދީ އެއްބާރުލުން ވަރުގަދަކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި އެމް.އޭ.ސީ.އެލް އިން ފާހަގަކުރެއެވެ.














