ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖުމެންޓް (ސީއާރްއެމް) ސިސްޓަމް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 87 އިންސައްތަ މައްސަލައަށް މިހާރު ދާއިމީ ހައްލެއް ހޯދައިދެވިފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.
އެފްޑީސީން މައުލޫމާތު ދެއްވި ގޮތުގައި، ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ”އަމާން އުދަރެސް“ އަދި ”އަމާން ދޯދި“ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހަޅާފައިވާ ޖުމްލަ 7،749 ހުށަހެޅުމުގެ ތެރެއިން، މި ހިނގާ ނޮވެންބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް 6،746 ހުށަހެޅުމަކަށް ވަނީ ދާއިމީ ހައްލު ހޯދައިދެވިފައެވެ. އަދި ބާކީ ނުނިމި ހުރި މައްސަލަތައް ވެސް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށްޓަކައި އެ ކޯޕަރޭޝަނުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް އެފަރާތުން ބުނެފައިވެއެވެ.
އާންމު ރައްޔިތުންގެ ފަރާތުން ސިސްޓަމް މެދުވެރިކޮށް އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ފްލެޓުތަކުގެ މެއިންޓެނަންސްއާ ގުޅުންހުރި ކަންކަމާއި، ފެން ލީކުވުން ފަދަ ޓެކްނިކަލް މައްސަލަތަކެވެ. މީގެއިތުރުން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމާއި، މަޢުލޫމާތު އަދާހަމަ ކުރުމާ ގުޅޭ ކަންކަމުގެ އިތުރުން، ޔުނިޓުތަކަށް ގެންނަން އެދޭ ބަދަލުތަކާ ގުޅޭ ހުށަހެޅުންތައް ވެސް ހިމެނެއެވެ. ހަމައެއާއެކު، ޓަވަރުތަކުގެ ޢާއްމު ސަރަހައްދުތަކާއި ލިފްޓުތަކުގެ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ރައްޔިތުންގެ ފަރާތުން ލިބިފައިވާ އަގުހުރި ޚިޔާލުތައް ވެސް ހިމެނޭ ކަމަށް އެފްޑީސީން ފާހަގަކުރެއެވެ.
އެފްޑީސީން އިތުރަށް ބުނީ، އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން، ރައްކާތެރި އަދި ލުއިފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި، 24 ގަޑިއިރު ޚިދުމަތް ދެވޭނެ ފަދަ ކޯލް ސެންޓަރެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
އެ ކޯޕަރޭޝަނުގެ މައިގަނޑު އަމާޒަކީ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، އެ ޓަވަރުތަކަކީ އެންމެހައި ރައްޔިތުންނަށް ހިތްހަމަޖެހުމާއި، އަމާންކަމާއި، ރައްކާތެރިކަން އިހުސާސްކުރެވޭ ފަދަ ފުރިހަމަ މާހައުލަކަށް ހެދުން ކަމުގައި އެފްޑީސީން ވަނީ ހާމަކޮށްފައެވެ.











