ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި ފާޑުވިދާޅުވަމުން ގެންދަވަނީ ސިޔާސީ ”ސްޓަންޓެއް“ގެ ގޮތުގައި ކަމަށާއި، މަޖިލީހުގެ މެސް ރޫމަށް ވަޑައިގެން ބަޖެޓު ހަގީގަތުގައި ވެސް ރަނގަޅު ކަމަށް އެ މެންބަރުން ވިދާޅުވާ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން އިބްރާހިމް ދީދީ ތުހުމަތު ކުރެއްވި ގޮތުގައި، އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި ރައްޔިތުންނަށް އޮޅޭ ގޮތަށް ވަރަށް ބާރަށް އަޑުއުފުއްލަވައި ބަޖެޓަކީ ތާކުންތާކު ނުޖެހޭ އެއްޗެއް ކަމަށް ވިދާޅުވެ ވާހަކަދެއްކެވުމަށްފަހު ނުކުމެވަޑައިގަންނަވަނީ ބޭރުފުށުން ދެއްކުމަށެވެ. އެގޮތުން، ކާކޮޓަރިއަށް ނުވަތަ މެސް ރޫމަށް ވަޑައިގެން ޕީއެންސީގެ މެންބަރުންގެ ކޮނޑުގައި ޖައްސަވައި، އެއީ ދާއިރާގެ ރައްޔިތުންގެ ކުރިމަތީގައި ”ރޭންޖު މަތިކޮށްލީ“ ކަމަށާއި ބަޖެޓުގެ ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށް އެ މެންބަރުން ބުނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

”އެއީ އެ ބޭފުޅުން ޖައްސާ އިސްޓަންޓު. ދެން ގޮސް މިހާރު ކާކޮޓަރީގެ މެސްކޮޓަރީގެ ޕީއެންސީ މެންބަރުންގެ ކޮނޑުގަ ޖަހާލާ ބުރަކަށީގަ އަތްފިރުމާލާފަ ވިދާޅުވާނެ އެއީ ދާއިރާގެ މެންބަރުންގެ ކުރިމަތީގަ ކުޑަކޮށް ރޭންޖު މަތިކޮށްލީއޭ. އެ މީހުން ކުރިމަތީގަ ކުޑަކޮށް އެހެން ޖައްސާލީއޭ. ބަޖެޓު ރަނގަޅޭ. ހުރިހާ ކަމެއް ވެސް ރަނގަޅަށޭ މިއޮތީ.ބަޖެޓު ކޮމިޓީގަ ތިއްބަވާ އެމްޑީޕީގެ މެންބަރުން ވެސް ފިނޭންސް މިނިސްޓަރުގެ ބުރަކަށީގަ ފިރުމާލާފަ ހާދަ ރަނގަޅޭ ހަމަ ރަނގަޅު ބަޖެޓެކޭ ވިދާޅުވަނީ. އެކަމު ރައްޔިތުންނަށް އަޑުއިވޭ ގޮތަށް ދައްކަނީ މި ގޮތަށް ވާހަކަ. މުޅިން ވެސް އޮޅުވާލުމެއްގަ މިއުޅެނީ އިއްޒަތްތެރި ރައީސް“އައިބީ ވިދާޅުވިއެވެ.
މީގެއިތުރުން އައިބީ ވިދާޅުވީ، 2008 ވަނަ އަހަރުގެ ފަހުން އެމްޑީޕީގެ ވެރިކަމެއްގައި ފާސްކުރި ބަޖެޓަކަށް ނޫނީ އެ ޕާޓީން ވޯޓު ދީފައި ނުވާ ކަމަށެވެ. އަދި އެމްޑީޕީގެ 10 އަހަރުގެ ވެރިކަމުގައި ފާސްކުރި ބަޖެޓުތަކުން ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާއާއި، ކަރަންޓާއި، ސިއްހަތާއި ތައުލީމު އަދި ފާމަސީތަކަށް ބޭސް ހަމަކުރުން ފަދަ އަސާސީ ކަންކަން އެދެވޭ ގޮތުގައި ފުރިހަމަކޮށްދެވިފައި ނުވާ ކަމަށް ވިދާޅުވެ އޭނާ ވަނީ އިދިކޮޅަށް ފާޑުވިދާޅުވެފައެވެ.













