ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަސާސީ އަދި ޒަރޫރީ މުދާ ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގައި، ރަށްރަށުގައި ހަރަކާތްތެރިވާ އެޖެންޓުން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް ކަމަށާއި، އެ ފަރާތްތަކުގެ ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެސްޓީއޯއިން ގިނަ ލުއިތަކެއް ދެމުންދާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ 3 އަހަރުގެ ކާމިޔާބީއާއި ގުޅޭގޮތުން ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޝިމާދު ވިދާޅުވީ، މާލެއެކޭ އެއް އަގެއްގައި އަތޮޅުތަކުގެ ރަށްރަށުންވެސް މުދާ ލިބޭނެ މަގު ފަހިކޮށްދިނުމަކީ ކުންފުނީގެ މައިގަނޑު އެއް އަމާޒު ކަމަށެވެ. އެގޮތުން ކާޑުގެ ބާވަތްތަކާއި، ގޭސް އަދި ތެލުގެ އިތުރުން ސަރުކާރުން އަލަށް އިތުރުކުރި އަސާސީ ކާބޯތަކެތީގެ 26 ބާވަތް ރަށްރަށަށް ފޯރުކޮށްދިނުމުގައި އެޖެންޓުންނަކީ އެސްޓީއޯ އާއި އާންމު ރައްޔިތުން ގުޅުވައިދޭ މައިގަނޑު ފާލަން ކަމުގައި ފާހަގަކުރެއްވިއެވެ.
އަތޮޅުތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަކީ އެސްޓީއޯގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވަމުން އެމްޑީ ވިދާޅުވީ، އެޖެންޓުންނަށް ގެއްލުން ނުވާނެހެން އަދި ރައްޔިތުންނަށް ބުރައަކަށް ނުވާނެހެން މުދާ ވިއްކޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދެމުންދާ ކަމަށެވެ. ޚާއްޞަކޮށް ކުދި ކާގޯތައް އަތޮޅުތަކަށް ގެންދިއުމަކީ ނާލުގެ ޚަރަދު ބޮޑު ކަމަކަށްވާތީ، އެޖެންޓުންގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ނާލު ފޯރުކޮށްދިނުމާއި، ވިޔަފާރިއަށް ބޭނުންވާ މުހިންމު ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުންފުނިން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އެސްޓީއޯގެ އެޖެންޓުންގެ ގޮތުގައި ހަމަޖައްސަނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ރަސްމީ ވިޔަފާރިތަކެވެ. މި އިންތިޒާމުގެ ސަބަބުން ރަށްރަށުގެ ވިޔަފާރިވެރިންނަށް ކުރިއެރުން ލިބުމުގެ އިތުރުން، އާންމު ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި ތާޒާ އަދި އަގުހެޔޮ މުދާ ރަށުން ލިބިގެންދާނެއެވެ.














