ހުޅުމާލެ ޕޮލިހުން ކުރިއަށް އޮތް 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވައިލުމަށް އަމާޒުކޮށްގެން ބާއްވާ ”ހުޅުމާލެ ޕޮލިސް ފޯރަމް 2026“ ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، އެމް.ޑަބްލިއު.އެސް.ސީ (MWSC) އޮޑިޓޯރިއަމްގައި ކުރިއަށްދާ މި ފޯރަމަކީ މި ހިނގާ ނޮވެމްބަރު މަހުގެ 21 އިން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޯރަމެކެވެ. މި ފޯރަމްގެ ޝަރަފުވެރި މެހުމާނަކީ ނޮދަން ޕޮލިސްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމެވެ.
މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުޅުމާލެ ޕޮލިސްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވިދާޅުވީ، 2027 ވަނަ އަހަރަށް ހުޅުމާލެ ޕޮލިސްގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވައިލުމާ އެކު، ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައެޅުމަށް މި ފޯރަމަކީ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި މިއީ މަސައްކަތްތަކާ މެދު ފުންކޮށް ވިސްނައި، ކުރިމަތިވާ ގޮންޖެހުންތައް ވަޒަންކޮށް، ޚިދުމަތް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ދެނެގަތުމަށް ލިބޭ ބާރެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން، ކޮންމެ ޑިޕާޓްމަންޓަކާއި ޔުނިޓަކުން އިސްކަންދޭންވީ ކަންކަމާއި އެ ފަރާތްތަކުގެ ޒިންމާތައް ސާފުކޮށް ބަޔާންކުރުމަކީ މި ފޯރަމްގެ މުހިންމު ބޭނުމެއްކަމަށް ވިދާޅުވަމުން، އާސިމް ޢަބްދުﷲ ވިދާޅުވީ ހުޅުމާލެ ޕޮލިސްގެ މަސައްކަތްތައް އެކުލަވައިލަންވާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ހަމައެއާއެކު، އަންނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރު އެކުލެވިގެން ދާންވާނީ އޮޕަރޭޝަނަލް ނަޒަރަކުން ބަލާއިރު ނަތީޖާ ނެރެވޭނެ ފަދަ އިންތިޒާމެއްގެ ތެރެއިން ކަމަށާއި، މުވައްޒަފުންގެ ގާބިލުކަމާއި ވަސީލަތްތަކަށް ރިއާޔަތްކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުށް މަދުކުރުމަށާއި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުޅުމާލޭގެ ރައްޔިތުންނާއި، މުއައްސަސާތަކާއި، ޖަމުއިއްޔާތަކުގެ ބައިވެރިވުން އިތުރުކުރެވޭނެ ހަރަކާތްތައް ހިމެނުމުގެ އިތުރުން، ކަންކަން ހިނގާނުހިނގާ ގޮތް ބަލައި މޮނިޓަރކޮށް، ނަތީޖާ ވަޒަންކުރެވޭނެ ސާފު ނިޒާމެއް އޮންނަންޖެހޭނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި ފޯރަމްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲގެ އިތުރުން، ޚާއްސަ ދަޢުވަތު އެރުވިގެން ބައިވެރިވެވަޑައިގެންނެވި ބައެއް ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި، ހުޅުމާލެ ޕޮލިސްގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެލައްވައެވެ.














