އަސާސީ ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގު ބާޒާރުގައި ބޮޑުތަނުން އުފުލިފައިވާ ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް، އެ ކުންފުނިން ވިއްކާ ތަކެތީގެ އަގަށް ބޮޑު ބަދަލެއް ނުގެންނަ ކަމަށާއި އެކަށީގެންވާ ވަރަށް ސްޓޮކް އެބަހުރި ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
އެސްޓީއޯއިން ހާމަކުރި ގޮތުގައި، މި ދުވަސްވަރު ބައެއް އަމިއްލަ ފިހާރަތަކުން އަގުބޮޑުކޮށް ވިއްކަމުންދާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކެރެޓް ކިލޯއެއް އެ ކުންފުނިން އަދިވެސް ވިއްކަމުންދަނީ 40 ރުފިޔާއަށެވެ. އަދި ކުކުޅު ބިހެއް ވަކިން 2 ރުފިޔާއަށް ވިއްކާއިރު، ބިސް ކޭހެއްގެ އަގަކީ 415 ރުފިޔާއެވެ. މީގެއިތުރުން، އާންމުކޮށް ބޭނުންކުރާ އެހެނިހެން ބާވަތްތަކަށް ބަލާއިރު، ފިޔާ ކިލޯއެއް 15 ރުފިޔާއަށް، އަލުވި ކިލޯއެއް 12 ރުފިޔާއަށް އަދި ލޮނުމެދު ކިލޯއެއް ވިއްކަނީ 50 ރުފިޔާއަށެވެ.
ބާޒާރުގެ ހާލަތަށް ބަލާއިރު، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ”އަގުމަގު“ ޕޯޓަލްގެ ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ކުރީކޮޅު ބައެއް ފިހާރަތަކުން 25 ރުފިޔާއަށް ވިއްކި ކެރެޓް ކިލޯއެއްގެ އަގު މިހާރު ވަނީ 50 ރުފިޔާއާއި 120 ރުފިޔާއާ ދެމެދުގެ އަގުތަކަކަށް އުފުލިފައެވެ. އަދި ބައެއް ފިހާރަތަކުގައި ކުކުޅު ބިހެއްގެ އަގު 3 ރުފިޔާއަށް ވެސް ވަނީ މަތިވެފައެވެ.
މިފަދަ އަގުބޮޑުވުންތަކާ ގުޅިގެން ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެސްޓީއޯއިން ޔަޤީންކަން ދެނީ، ރާއްޖޭގައި އަސާސީ އެއްވެސް ބާވަތެއްގެ ޝޯޓޭޖެއް ނޫޅޭ ކަމަށެވެ. އަދި އެއްވެސް ދަތިކަމެއް ނެތި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ގޮތުން އެސްޓީއޯއިން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދުނިޔޭގެ މަސްރަޙަށް ބަލާއިރު، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ) ގެ އަންދާޒާތަކުން ދައްކާ ގޮތުގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން، މިއަހަރުގެ ފަހުކޮޅު ރާއްޖޭގެ އިންފްލޭޝަން ރޭޓް މައްޗަށް ދާނެއެވެ. އަދި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށް ވާތީ، ކާބޯތަކެތީގެ އަގުތައް އުފުލުމުގެ ފުރުޞަތު އޮތް ކަމަށް ވެސް އެ ބޭންކުން ލަފާކުރެއެވެ. އޭޑީބީން ލަފާކުރާ ގޮތުގައި މިއަހަރުގެ ފަހުކޮޅު ރާއްޖޭގެ އިންފްލޭޝަން 2.2 އިންސައްތައަށް އެރި ނަމަވެސް، 2027 ވަނަ އަހަރު އަންނަންވާއިރަށް އެ ނިސްބަތް 2.0 އިންސައްތައަށް ދަށްވާނެއެވެ.














