ވަޒީފާގެ މާހައުލުގައި މުވައްޒަފުންނަށް ކުރިމަތިވާ ތަފާތު ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހައި، އެކަންކަމަށް ދެފުށް ފެންނަ އިންސާފުވެރި އުސޫލެއްގެ ތެރެއިން ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ސީދާ ރައީސާ ހިއްސާކުރުމަށް ކުރިއަށްގެންދާ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމުގެ 14 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕްރޮގްރާމުގައި ވާހަކަދެއްކި ނަރުހަކު ވަނީ، މަސައްކަތުގެ މާހައުލުގައި ގެންގުޅޭ ތަފާތުކުރުންތަކާއި ޙައްޤުތައް ކަށަވަރުކުރުމުގައި ހުރި ހުރަސްތަކުގެ އިތުރުން، މުވައްޒަފުން ހުށަހަޅާ ޝަކުވާތަކަށް އިދާރީ ވެރިން އެކަށީގެންވާ އިޖާބައެއް ނުދޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެއިތުރުން، ނާސިންގ ދާއިރާގެ ފަންނީ ތަޖުރިބާ ނެތް ފަރާތްތަކުން ނަރުހުންގެ މަސައްކަތްތައް ބަލަހައްޓަމުންދާ ކަމަށާއި، އޭގެ ސަބަބުން ދާއިރާއާ ނުގުޅޭ ނިންމުންތައް ނިންމަމުންދާ ކަމުގެ ޝަކުވާވެސް އެ ނަރުސް ވަނީ ރައީސްގެ އަރިހުގައި ދަންނަވާފައެވެ.
އެ ޝަކުވާތަކަށް އިޖާބަދެއްވަމުން ރައީސް ވިދާޅުވީ، ނަރުހުންނަކީ ޚާއްޞަ މުހިންމު ޚިދުމަތެއް ފޯރުކޮށްދޭ ބައެއް ކަމަށާއި، އެ ދާއިރާއިން ހުށަހެޅުނު ކަންބޮޑުވުންތަކަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން ސީރިއަސްކަމާއެކު ބައްލަވައިދެއްވާނެ ކަމަށެވެ.
އަދި ވަޒީފާގެ މާހައުލުގައި އިންސާފު ޤާއިމުކުރުމަށާއި މުވައްޒަފުންގެ ޝަކުވާތަކަށް ޖަވާބުދާރީވުމުގެ ނިޒާމު މިހާރަށްވުރެ ހާމަކަން ބޮޑު ގޮތެއްގައި ބައްޓަންކުރުމަށް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަސައްކަތުގެ މާހައުލަކީ ރައްކާތެރި އަދި ހަމަހަމަ ތަނަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޖިންސީ ފުރައްސާރައާއި ގޯނާގެ ޢަމަލުތައް ހުއްޓުވުމުގެ ނިޒާމު ހަރުދަނާކުރުމަށް ކަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް މިހާރު ވަނީ ހުށަހަޅާފައެވެ.
ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރެއްވުމާއެކު، އެންމެންނަށް ހަމަހަމަ ފުރުޞަތު ލިބޭ ޝާމިލު މުޖުތަމަޢެއް ބިނާކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.













