ރާއްޖޭގެ %99 އަކީ ކަނޑުގެ ސަރަހައްދުކަމަށް ވާއިރު، އެ ވަސީލަތްތަކުން ރައްޔިތުންނަށް ލިބޭ އިޤްތިޞާދީ މަންފާ އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މެރިކަލްޗަރ ސިނާއަތަށް ޚާއްސަ 13 ސަރަހައްދެއް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.
މި މަސައްކަތަށް ޚާއްސަކޮށް ކަނޑައަޅާފައިވަނީ މ. އަތޮޅުން 3 ސަރަހައްދަކާއި، ތ. އަތޮޅާއި ފ. އަތޮޅު އަދި ދ. އަތޮޅުން ކުރެ ކޮންމެ އަތޮޅަކުން 2 ސަރަހައްދުގެ އިތުރުން ގއ. އަތޮޅުން 1 ސަރަހައްދެވެ. މީގެ އިތުރުން ބޮޑު ތިލަދުންމައްޗާއި، މަނިޔަފުއްޓާ ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮންނަ ފަޅެއްވެސް ވަނީ މި ދާއިރާއަށް ޚާއްސަކޮށްފައެވެ.
މެރިކަލްޗަރއަކީ ރާއްޖޭގައި ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްޤީކޮށް ފުޅާކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭ ދާއިރާއެކެވެ. މި ސަރަހައްދުތައް މެދުވެރިކޮށް ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އަލަށް މި ވިޔަފާރި ފަށަން ބޭނުންވާ ދިވެހިންނަށް ޚާއްސަ ލުއިތަކާއެކު ބިމާއި ފަޅުތައް ދޫކުރުމާއި، ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ”އެސްއެމްއީ ޑިޖިޓަލް“ އާއި މަސްވެރިކަމާ ބެހޭ ވުޒާރާ ގުޅިގެން ޚާއްސަ މެރިކަލްޗަރ ސްކީމެއްވެސް އަންނަނީ ހިންގަމުންނެވެ.
ދިވެހިރާއްޖޭގެ މެނިފެސްޓޯ 2023-2028 ގެ ދަށުން ވޭތުވެދިޔަ 3 އަހަރު ތެރޭގައި އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ 2025 ވަނަ އަހަރު ވަނީ ފުރަތަމަ ފަހަރަށް ސިނާޢީ ފެންވަރުގައި ރާއްޖެއިން ބޭރަށް މޫދުވިނަ އެކްސްޕޯޓުވެސް ކޮށްފައެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ދިވެހިން މި ސިނާއަތަށް އަހުލުވެރިކޮށް، ޤައުމުގެ އިޤްތިޞާދަށް މެރިކަލްޗަރއިން ވަންނަ އާމްދަނީ އިތުރުކުރުމެވެ.
މި ދާއިރާއިން ފަންނީ މީހުން ބިނާކުރުމަށް ހިންގާ ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން މިހާރު ވަނީ އަހަރަކު 2 ފަހަރުން 4 ފަހަރަށް އިތުރުކޮށްފައެވެ. އެގޮތުން މި އަހަރު ހިންގި 4 ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މިހާތަނަށް ޖުމްލަ 8 ކޯހަކުން 102 ފަރާތެއް ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.











