ހުޅުމާލެ ފޭސް 2 ގެ އިރުމަތީ ފަރާތު ކަނޑުމަތީގައި މިރޭ ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހަރަކާތް ކުރިއަށްދާނީ މިރޭ 19:30 އާއި 21:30 އާ ދެމެދުގެ ވަގުތެއްގައެވެ. އަދި މި ހަވާ އެރުވުން ގާތްގަނޑަކަށް 7 މިނެޓުގެ މުއްދަތަކަށް ދެމިގެންދާނެ ކަމަށްވެސް އެ ފަރާތުން ވިދާޅުވެއެވެ.
މިއީ އަމިއްލަ ފަރާތެއްގެ ޕްރައިވެޓް އިވެންޓަކާ ގުޅިގެން ކުރިއަށްގެންދާ ވިޔަފާރި އުސޫލުން ހިންގޭ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކުރައްވާފައެވެ.
ރާއްޖޭގައި އަމިއްލަ ފަރާތްތަކުންނާއި ރިސޯޓުތަކުން ބާއްވާ މިފަދަ އެކި އިވެންޓުތަކާ ގުޅުވައިގެން ހަވާ އެރުވުމުގެ ޚިދުމަތް ދެމުން އަންނަނީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިންނެވެ.














