ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 111 ކަނދުފަތި ޤާއިމްކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ”ހަފުތާ 156“ ގެ ނަމުގައި އެ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މުއްދަތުގެ ތެރޭގައި އަލަށް ޤާއިމްކުރި ކަނދުފަތިތަކާއި މަރާމާތުކޮށް އަލުން އެޅި ކަނދުފަތިތައް ހިމެނޭހެން 111 ކަނދުފަތީގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.
މި ތަފާސްހިސާބުތަކުގެ ތަފްސީލަށް ބަލާއިރު، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މުޅިން އަލަށް 54 ކަނދުފަތި ވަނީ އަޅާފައެވެ. އަދި އެކި ސަބަބުތަކާ ހުރެ ކަނޑައިގެން ދިޔަ ނުވަތަ ހަލާކުވި ކަނދުފަތިތަކުގެ ބަދަލުގައި 57 ކަނދުފަތި އަލުން އަޅައި ދީފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ހަފުތާ 156: ކަނދުފަތި ޤާއިމްކުރުމަށް ކުރެވުނު މަސައކަތްތައް.#Hafthaa156 pic.twitter.com/gfOOLY2WtY
— Min of Fisheries, Agriculture and Ocean Resources (@MFAORmv) November 20, 2026
ރާއްޖޭގެ މަސްވެރިންނަށް ލުއިފަސޭހަކަމާއެކު މަސްވެރިކަން ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި، ރާއްޖޭގެ ކަނޑުގެ އެކި ސަރަޙައްދުތަކުގައި މަސްކަނދުފަތީގެ ވިއުގަ ފުޅާކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ޚާއްޞަކޮށް، ދޮށީގެ މަސްވެރިކަމާއި ވަދު މަސްވެރިކަމުގެ އިތުރުން ސްޕޯޓްސް ފިޝިންގއަށް ޚާއްޞަ ކަނދުފަތިތައް ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާއިމްކުރުމުގެ މަސައްކަތް އެ ވުޒާރާއިން ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.











