ހުޅުމާލެ ފޭސް 3 ގެ ވެމްކޯ ސައިޓުގައި އަލިފާން ރޯވުމާ ގުޅިގެން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސަރަހައްދުތަކަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ.
ފަރުކޮޅުފުއްޓާ ދިމާ ބޭރުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު މެންދުރު 13:57 ހާއިރުއެވެ. މި ހާދިސާގެ ޚަބަރު ލިބުމާއެކު، ހުޅުމާލެ ފަޔަރ ސްޓޭޝަނާއި މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. ސިފައިން ކުރި މަސައްކަތުން ހަވީރު 15:59 ހާއިރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް، އަދިވެސް އެ ސަރަހައްދުން ބޯކޮށް ދުން އަރަމުންދާ ކަމަށާއި، ބައެއް ވަގުތުތަކުގައި އަލިފާން ފެންނަމުންދާ ކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ. އަދި މިހާރު އެ ސަރަހައްދުގައި އެކްސްކަވޭޓަރު ބޭނުންކޮށްގެން ކުނިތައް ހާވައި، އަލިފާނުގެ އަސަރު ހުރި ތަންތަނަށް ފެން ޖަހައި އެއްކޮށް ނިއްވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޚާއްޞަ އިރުޝާދުތަކެއް ނެރެފައެވެ. އެގޮތުން، ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި އަނގައާއި ނޭފަތް ނިވާވާނޭހެން މާސްކު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގޭތެރެއަށް ދުން ނުވަންނާނެހެން ކުޑަދޮރުތައް ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުމަށްވެސް ވަނީ އެދިފައެވެ.
ޚާއްޞަކޮށް ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތައް ހުންނަ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ ބާރުއަޅާފައެވެ. އަދި ދުމުގެ ސަބަބުން ނޭވާ ކުރުވުމާއި، ގަދައަށް ކެއްސުން ނުވަތަ ބޯއެނބުރުން ފަދަ އުނދަގޫތަކެއް ވާނަމަ ލަސްނުކޮށް ސިއްޙީ އެހީތެރިކަން ހޯދުމަށްވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންވެސް ވަނީ ގޭގޭގެ ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ސަރަހައްދު ވީއެންމެ އަވަހަކަށް އާންމު ހާލަތަކަށް ގެނައުމަށްޓަކައި ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.













