އީރާނުގެ ބަނދަރުތަކުންނާއި އެ ގައުމުގެ އައްސޭރިފަށުން މުދާ ބަރުކޮށްގެންދާ އުޅަނދުފަހަރުން އެހެން އުޅަނދުފަހަރަށް މުދާ ނުވަތަ ތެޔޮ ބަދަލުކުރާ (ޝިޕް-ޓު-ޝިޕް ޓްރާންސްފާ) ހަރަކާތްތަކަށް އަމާޒުކޮށް، އެމެރިކާގެ އަސްކަރިއްޔާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުމަގުގެ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އިންޒާރު ދީފައިވަނީ، އީރާނުން ބަރުކޮށްގެން އަންނަ މުދާ އެހެން އުޅަނދުތަކަށް ބަދަލުކުރުމަކީ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމުގެ އަމަލެއްގެ ގޮތުގައި ބެލެވިދާނެ ކަމަށެވެ. އަދި މިފަދަ އުޅަނދުތައް އެމެރިކާގެ އަސްކަރީ ބާރުތަކުން ހުއްޓުވައި، ބަލައިފާސްކުރުމުގެ އިތުރުން ހިފެހެއްޓުމުގެ ފުރުސަތު އޮތް ކަމަށާއި، އަމުރަށް ނުކިޔަމަންތެރިވާ އުޅަނދުތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރާނެ ކަމަށް ވެސް ސެންޓްކޮމްގެ ބަޔާނުގައި ވެއެވެ. މި ފިޔަވަޅުގެ މައިގަނޑު ބޭނުމަކީ ޖުލައި މަހުގެ މެދުތެރެއިން ފެށިގެން އެމެރިކާއިން އީރާނުގެ ތެލުގެ ވިޔަފާރިއަށް އަޅާފައިވާ ހުރަސްތަކުން ރެކިގަނެ، ބައިނަލްއަގުވާމީ ބާޒާރަށް ތެޔޮ ސަޕްލައިކުރުމަށް އީރާނުން ބޭނުންކުރާ ދޮރުތައް ބަންދުކުރުމެވެ.
ކިންގްސް ކޮލެޖް ލަންޑަންގެ އިންޓަނޭޝަނަލް ސެކިއުރިޓީ ލެކްޗަރާ ރޮބް ގީސްޓް ޕިންފޯލް އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، ވޮޝިންޓަނުން ސީދާ އަސްކަރީ ހަމަލާތަކަކަށް ދިއުމުގެ ބަދަލުގައި މިފަދަ ފިޔަވަޅުތަކެއް ވަރުގަދަކުރީ އީރާން މަޝްވަރާގެ މޭޒަށް ގެނައުމަށެވެ. އަދި އީރާނުގެ އިގުތިސާދުގެ 30 އިންސައްތައަކީ ތެޔޮ ކަމަށްވާއިރު، މި ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ އިގުތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އިންޒާރުތަކާ ގުޅިގެން އީރާނުގެ ސަރުކާރުން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް، އީރާނުގެ ފާރސް ނިއުސް އޭޖެންސީގައި ޝާއިއުކުރި ލިޔުމެއްގައި ބުނެފައިވަނީ، އެމެރިކާގެ ހުރަސްތައް ފޫއަޅުވާލުމަށްޓަކައި އެއްފަހަރާ ގިނަ އަދަދެއްގެ ތެޔޮ ޓޭންކަރުތައް ފޮނުވިދާނެ ކަމަށެވެ. އަދި އެ އުޅަނދުތަކަށް އެމެރިކާއިން ހުރަސްއަޅައިފިނަމަ، ސަރަހައްދީ ހަކަތައިގެ ވަސީލަތްތަކަށް، ހާއްސަކޮށް ޔޫއޭއީގެ ތެލުގެ ވަސީލަތްތަކަށް ހަމަލާދީ ބަދަލުހިފާނެ ކަމުގެ އިންޒާރުވެސް އެ ލިޔުމުގައި ދީފައިވެއެވެ. މީގެ އިތުރުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ހުސައިން މޮހެބީ ވިދާޅުވެފައިވަނީ އެމެރިކާއަށް އީރާން ފުރިހަމައަށް ބަންދުކޮށް ނުބޭއްވޭނެ ކަމަށާއި، އީރާނުގެ އުޅަނދަކަށް ހަމަލާދީފިނަމަ އެއަށްވުރެ ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.
ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، ކަނޑުމަތީގައި އެމެރިކާގެ އަސްކަރީ ބާރު މާ ވަރުގަދަވުމުގެ ސަބަބުން، އަސްކަރީ ގޮތުން މި ހުރަސްތައް ފޫއަޅުވާލުމުގެ ގާބިލުކަން އީރާނަކަށް ނެތެވެ. ކިންގްސް ކޮލެޖް ލަންޑަންގެ ސެކިއުރިޓީ ސްޓަޑީޒް އެސޯސިއޭޓް ޕްރޮފެސަރު އަންދްރެއަސް ކްރީގް ވިދާޅުވީ، މިއީ ފަހަކަށް އައިސް ފެނުނު އެންމެ ނުރައްކާތެރި ހާލަތު ކަމަށާއި، މި ފިޔަވަޅުތަކުގެ ސަބަބުން ސަރަހައްދީ ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރު އެބައޮތް ކަމަށެވެ. އީރާނުން ސީދާ އެމެރިކާއާ ކުރިމަތިލުމުގެ ބަދަލުގައި މަސައްކަތްކުރާނީ އެމެރިކާއަށް ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުން މިކަން ބުރައަކަށް ހެދުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން މިހާރުވެސް ބޮޑުތަނުން ބަންދުކޮށްފައިވާއިރު، ޔަމަނުގެ ހޫޘީން މެދުވެރިކޮށް ބާބުލް މަންދަބު ކަނޑުއޮޅި ވެސް ބަންދުކޮށްފާނެ ކަމުގެ އިންޒާރު ދީފައިވެއެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި، ދެ ފަރާތުން ވެސް މަޝްވަރާއަށް އިސްކަންދިން ނަމަވެސް، އިގުތިސާދީ ގޮތުން އީރާނަށް އިތުރު ދޫތަކެއް ނުދެވިއްޖެނަމަ، އަސްކަރީ ކުރިމަތިލުމަކަށް ގޮސް މުޅި ސަރަހައްދުގެ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.










