ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ސިޔާސަތު ކަމަށްވާ ’މޯލްޑިވްސް 2.0‘ އިސްނެގުމުގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ހުރިހާ ހިދުމަތެއް އެއްކޮށް ޑިޖިޓަލައިޒްކޮށް، ދައުލަތުގެ 428 ހިދުމަތެއް ވަންގަވް ޕްލެޓްފޯމާ ގުޅާލައިފިއެވެ.
ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ދައުލަތުގެ ހިދުމަތްތައް ޒަމާނީކޮށް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން 40 ޑިޖިޓަލް ރަޖިސްޓްރީއެއް އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިންމާލާފައެވެ.
ދައުލަތުގެ އެކި އިދާރާތަކުގެ ހިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ރާއްޖޭގެ ’ސޮވްރިން ކްލައުޑް‘ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ މަސައްކަތުގެ 30 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
ޑިޖިޓަލް ނިޒާމުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، ސައިބާ ހަމަލާތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސައިބާ ސެކިއުރިޓީގެ ދާއިރާއިން 100 އަށްވުރެ ގިނަ މީހުންނަށް މިހާރު ވަނީ ތަމްރީނު ދީފައެވެ.
ރާއްޖޭގެ ޑިޖިޓަލް ގަވަނަންސް ނިޒާމު ހަރުދަނާކޮށް ގާނޫނީ އޮނިގަނޑު ވަރުގަދަކުރުމަށްޓަކައި ޑިޖިޓަލް ދާއިރާއާ ގުޅޭ މުހިންމު ހަތަރު ގާނޫނީ އިސްނެގުމެއްގެ މަސައްކަތް ވެސް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.
މި ކުރިއެރުންތަކަކީ ޓެކްނޮލޮޖީގެ އެހީގައި ސަރުކާރުގެ ހިދުމަތްތައް އަވަސްކޮށް، ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.














