އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހި ފާޑުކިޔަމުންދާ ފަރާތްތަކަށް، ކުރީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ގެ ރިޔާސަތުގައި އެ ޕާޓީއާ ފެއަށް ޖެހިވަޑައިގެންނެވި އިލްމުވެރިންގެ ލިސްޓު ހަނދާންކޮށްދެއްވައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ޒިނާހު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޒިނާހު ވިދާޅުވީ، ޝައިޚް އިމްރާން ޕާޓީގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވަނީސް އަދާލަތު ޕާޓީގެ މުއައްސިސް އަދި އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ޕާޓީއާ ދުރަށް ވަޑައިގެންނެވި ކަމަށެވެ.
އޭރުގެ ލީޑާޝިޕުން ނިންމި ނިންމުންތަކާ ގުޅިގެން ޕާޓީ ދޫކުރެއްވި އިތުރު އިލްމުވެރިންގެ ނަންތައް ވެސް ޒިނާހު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި، ޝައިޚް މުޙައްމަދު ދީދީއާއި، ޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ޝައިޚް އިއްޒުއްދީނާއި ޝައިޚް އަލީ ރިޟާ ވެސް ޕާޓީއާ ދުރަށް ވަޑައިގެންނެވިކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
މީގެ އިތުރުން ޝައިޚް ރުޝްދީއާއި، ޝައިޚް ހުސައިން ފަހުމީއާއި، ޝައިޚް ރަޒީން އަދި ޝައިޚް ނަސީމް ފަތުހީ ފަދަ ބޭފުޅުން ޕާޓީއާ ފެއަށް ޖެހިވަޑައިގެންނެވީ ވެސް އޭރުގެ ލީޑާޝިޕްގެ އަމަލުތައް ހުރި ގޮތުން ކަމަށް ޒިނާހު ވިދާޅުވިއެވެ.
ހަމައެއާއެކު، ކުރިން އަދާލަތު ޕާޓީއާ ނުހަނު ގާތުން މަސައްކަތް ކުރެއްވި ޖަމްއިއްޔަތުއް ސަލަފްގެ އިލްމުވެރިން އެ ޕާޓީއާ ދުރަށް ވަޑައިގެންނެވީ ވެސް އޭރުގެ ލީޑާޝިޕުން ކަންކަން ކުރަމުން ގެންދިޔަ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މާޒީގެ މި ކަންކަމަށް އަލިއަޅުއްވާލައްވަމުން ޒިނާހު ވިދާޅުވީ، މިއަދު އަދާލަތު ޕާޓީގެ އާ ލީޑާޝިޕަށް ރާއްޖޭގެ ދީނީ އިލްމުވެރިންގެ އިތުބާރު އޮތްކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.
އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕަށް ޝައިޚް އިމްރާނަށް ތާއީދުކުރައްވާ ބައެއް ބޭފުޅުންގެ ފާޑުކިޔުން އަމާޒުވެފައި މިވަނީ، ޕާޓީން މި ސަރުކާރާ ގުޅި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދު ކުރުމަށް ނިންމުމާ ގުޅިގެންނެވެ.













