ވަރަށް ފަހަކާ ޖެހެންދެންވެސް އެއް ލައްކަ މީހުން ހަމަނުވާ މަދު އާބާދީއަކާއެކު 4،000 އަހަރުވީ ދިގު ތާރީހެއްގައި މި ބޮޑު ރާއްޖެ ދިފާއުކޮށް މިނިވަންކަންމަތީ ދެމިތިބުމަކީ، ދިވެހީންގެ ގައުމީ ވިސްނުންތެރިކަން ދައްކުވައިދޭ އާދަޔާ ހިލާފު ހަގީގަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ގައުމާ މުހާތަބުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގައި އަމިއްލަ މިނިވަން ބިމެއް ނުލިބި އަނިޔާ ލިބެމުންދާ އެތައް ބައެއްގެ ވޭންތަކާ އަޅާބަލާއިރު، ދިވެހީންނަށް ލިބިފައިވާ މިނިވަންކަމާއި އަމާންކަމަކީ މާތް ﷲ ދެއްވި މަތިވެރި ނިއުމަތެއް ކަމަށާއި އެކަމަށް އަބަދުވެސް ޝުކުރުވެރިވާން ޖެހޭނެ ކަމަށެވެ.
ޖުމްހޫރީ ވެރިކަމުގެ މާނައަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ، އެއީ ގިނަ ރައްޔިތުންގެ ނިންމުމުގެ މަތީން ހޮވާފައިވާ ވެރިޔަކު ހިންގާ ޑިމޮކްރެޓިކް ވެރިކަން ކަމަށެވެ. އަދި ޖުމްހޫރީ ދުވަހަކީ ދައުލަތުގެ ވެރިކަމާ މެދު ދިވެހީންގެ ބަސް އިއްވި ދުވަސްކަން ފާހަގަކުރައްވައި، އެ ދުވަހަކީ ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުން ފާހަގަކޮށް، ގައުމުގެ މާޒީއާއި މިއަދާއި މުސްތަގުބަލާ މެދު ފިކުރު ހިންގުމުގެ ދުވަސްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، އިސްލާމްދީން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގަތްތާ ކުރީކޮޅުގައި ދިވެހީން އެ މާތް ދީން ހިޔާރުކުރިކަމާއި، މި ސަރަހައްދުގައި އެންމެ ފުރަތަމަ ލިޔެވުނު ފުރިހަމަ ގާނޫނުއަސާސީ އެކުލަވައިލީ ދިވެހީންކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރަސްކަމަކުން އިންތިހާބީ ރަސްކަމަކަށް، އަދި އެއަށްފަހު ޖުމްހޫރީ ވެރިކަމަކާއި ޒަމާނީ ޑިމޮކްރަސީގެ އުސޫލުތަކަށް ދިވެހީން ވާސިލުވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަންކަމުން ހާމަވަނީ ގައުމަށް އެންމެ ފައިދާހުރި މަގުތައް ހިޔާރުކުރުމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާ ރައްޔިތެއްކަން ކަމަށެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ ގައުމަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު އެރުވުމާއި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ އިތުރުން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުންވެސް ކުރިއަށް ގެންގޮސްފައެވެ.













