އޮމާންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ޙަމަދު ބިން ޙަމޫދު އަލްބޫސަޢީދީއަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މި މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އަދި ޚުދު އެކަމަނާގެ އަމިއްލަ ނަންފުޅުގައި، އޮމާންގެ ސަރުކާރަށާއި އެ ޤައުމުގެ އުޚުއްވަތްތެރި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.
ދިވެހިރާއްޖެއާއި އޮމާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށް ވަޒީރުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
އޮމާންގެ ޤައުމީ ދުވަހަކީ އެ ޤައުމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ދުވަސް ކަމަށްވާއިރު، މި ދުވަސް ފާހަގަކުރަނީ 1650 ވަނަ އަހަރު ޕޯޗުގީޒުންގެ އަތްދަށުން އޮމާން މިނިވަންވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
Foreign Minister Her Excellency Iruthisham Adam sends greetings to the Foreign Minister of Oman on the occasion of the National Day of Oman
📃 Press Release | https://t.co/XCT8IOlCJh pic.twitter.com/NzWELVJuzq
— Ministry of Foreign Affairs 🇲🇻 (@MoFAmv) November 20, 2026
ދިވެހިރާއްޖެއާއި އޮމާނާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1981 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދެ ޤައުމުން ދަނީ ބައިނަލްއަޤްވާމީ މައިދާނުގައްޔާއި ދޭދޭ ދާއިރާތަކުން ގާތުން މަސައްކަތް ކުރަމުންނެވެ.









