ޢަދާލަތު ޕާޓީގެ އެހާރާއި މިހާރުގެ ހުރިހާ ނިންމުންތަކަކީ ވެސް މަޝްވަރާގެ ރިވެތި އުސޫލުން، މެންބަރުންގެ ޚިޔާލާއި މަޖިލިސްތަކުގެ އަޣްލަބިއްޔަތުން ނިންމާ ނިންމުންތަކެއް ކަމަށް އެ ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު އަދި ޗީފް ޖަސްޓިސް ޝައިޚް ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ބެލެވޭގޮތުގައި ޑރ. ޢިޔާޟް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުންނާއި ޕާޓީގެ ނިންމުންތަކާ މެދު ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ހާމަކުރެއްވި ޚިޔާލުފުޅެއްގައެވެ.
މިކަމާ ގުޅޭގޮތުން ޑރ. ޢިޔާޟް ވިދާޅުވީ، ކޮންމެ ކަމަކީ އެންމެން އެއްބަސްވާ ކަމަކަށް ނުވެދާނެ ކަމަށާއި، އެހެންކަމުން ޕާޓީގެ އަޣްލަބިއްޔަތުން ކަމެއް ނިންމުމުން އެ ނިންމުމަކަށް އެންމެން ވެސް އިޙްތިރާމް ކުރަންވާނެ ކަމަށެވެ.
މީގެއިތުރުން، ދީނާއި ޤައުމުގެ ޙައްޤުގައި ބަސްބުނެ ޢަމަލުކުރަންޖެހުނު ކޮންމެ ވަގުތެއްގައި، އެއްވެސް ފަސްޖެހުމެއްނެތި ޢަދާލަތު ޕާޓީ ބަދަހިކަމާއެކު ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ޕާޓީގެ އެންމެހައި މެންބަރުންނަށް ޑރ. ޢިޔާޟް ވަނީ އަރުވާފައެވެ.
ދަންނަވަމެވެ. @AdhaalathOffice އެހާރާއި މިހާރުގެ ނިންމުންތައް ވެސް ނިންމަނީ މަޝްވަރާގެ ރިވެތި އުސޫލުން މެންބަރުންގެ ޚިޔާލާއި މަޖިލިސްތަކުގެ އަޣްލަބިއްޔަތުންނެވެ. ކޮންމެ ކަމަކީ، އެންމެން އެއްބަސްވާ ކަމަކަށް ނުވެދާނެއެވެ. އެހެންކަމުން އަޣްލަބިއްޔަތުން ކަމެއް ނިންމުމުން އެކަމަކަށް…
— Dr.Mohamed Iyaz (@dr_iyaz) November 19, 2026
ކުރިއަށް އޮތް ތަނުގައި ވެސް ޕާޓީގެ ކަންކަން ނިންމުމުގައި މި އުސޫލުތަކުގެ މަތީގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު މާތް ﷲ މިންވަރު ކުރެއްވުން އެދިވަޑައިގެން ޝެއިޚް ވަނީ ދުޢާ ދަންނަވާފައެވެ.
ސިޔާސީ މަސްރަޙުގައި ޢަދާލަތު ޕާޓީން އަޅަމުންދާ ފިޔަވަޅުތަކާއި ނިންމާ ނިންމުންތަކަކީ ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ޑިމޮކްރެޓިކް ހަމަތަކާއި މަޝްވަރާގެ އުސޫލުން ނިންމާ ނިންމުންތަކެއްކަން ޑރ. ޢިޔާޟްގެ މި ވާހަކަފުޅުން ވަނީ ސާފުކޮށްދެއްވާފައެވެ.










