ޖުމްހޫރީ ނިޒާމެއްގެ ހަގީގީ ފައިދާއާއި މަންފާ ރައްޔިތުންނަށް ލިބިގެންދާނީ، މުޖުތަމައުގައި އަޚުލާގީ ރިވެތި ސިފަތަކާއި އެކަކު އަނެކަކަށް އިހުތިރާމުކުރުމުގެ އާދަ އިސްކޮށްގެން ކަމަށް ސަގާފަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ އަމިއްލަވަންތަކަމާއި މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމުގެ ހައްގު ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށެވެ. އަދި ކޮންމެ ފަރުދެއްގެ އަބުރާއި ކަރާމާތް ރައްކާތެރިކުރެވިގެން، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެރިކަމުގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އޮތުމަކީ މި ނިޒާމުގެ އެންމެ ބޮޑު އެއް ސިފަކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން ހީނާ ވިދާޅުވީ، ގަދީމީ ޒަމާނުއްސުރެ 1953 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އޮތީ ރަސްކަމެއް ނަމަވެސް، އޭރުވެސް ދިވެހީންގެ ވެރިކަމުގެ ނިޒާމުގައި ޖުމްހޫރީ އެތައް ސިފަތަކެއް އެކުލެވިގެންދިޔަ ކަމަށެވެ.
މީގެ އިތުރުން، ޖުމްހޫރީ ވެރިކަމެއްގެ ބިންގަލާއި ތަރަހައަކީ ރައްޔިތުން ކަމަށްވާއިރު، ދިވެހީންނަކީ މުރުއްވަތްތެރި އަޚުލާގެއްގެ ވެރި ބަޔަކަށް ވާންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަނެކުންނާ ރީތި ބަހުން މުއާމަލާތްކޮށް، އެހެން މީހުންގެ ގަދަރާއި އިހުތިރާމަށް ވިސްނުމަށާއި، ގައުމަށް ހުރުމަތްތެރިކޮށް ހިތައި އިޚްލާސްތެރިކަން އިސްކުރުމަށް ކާބަފައިން ދެއްވާފައިވާ ނަސޭހަތްތަކާ މެދު މިއަދު ފުންކޮށް ވިސްނާލަން ޖެހޭ ކަމަށްވެސް ހީނާ ވަލީދު ވިދާޅުވިއެވެ.













