އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ސިޔާސީ ފިކުރު އުފެދިގެން އައީ އިސްރާއީލުގެ މީހުންގެ އެހީތެރިކަމާއެކުގައި ކަމަށާއި، ދިވެހި ރައްޔިތުންގެ ލޮލަށް ފަރުވާދިނުމަށްޓަކައި އިސްރާއީލުގެ ޑޮކްޓަރުން މި ޤައުމަށް ގެންނަން މަޝްވަރާކުރި ބަޔަކަށް، އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ މައްސަލައިގައި ވާހަކަ ދެއްކުމުގެ އެއްވެސް ޤާބިލުކަމެއް ނުހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާޢު މިފަދައިން ވިދާޅުވީ، އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ ބިލާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ޝުޖާޢު ވިދާޅުވީ، އެމްޑީޕީގެ އޭރުގެ ޗެއަރޕާސަން އަދި ޕާޓީގެ ވެރިމީހާގެ ޒަޢާމަތުގައި އިސްރާއީލުގެ ޑޮކްޓަރުން ރާއްޖެ ގެންނަން މަސައްކަތްކުރިކަން ހަނދާންކޮށް، އެ ޕާޓީގެ މެންބަރުން ވާހަކަ ދައްކަވާއިރު ތިމާމެންގެ ފަސްބައިގައި ހޭކިފައި ހުރީ ކިހާ މިންވަރެއްގެ ވަސްދުވާ އެއްޗެއްތޯ ބަލާލަންޖެހޭނެ ކަމަށެވެ.
މީކާއީލް މިހާރަކަށް އައިސް މަޖިލީހުގައި ޢަމަލުކުރައްވާ ގޮތަކީ ވަކިން ޚާއްޞަކޮށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށްފަހު އޭނާއަށް ޖެހިގެން އުޅޭ ބައްޔެއް ކަމަށާއި، އޭނާ މަޖިލީހަށް ވަޑައިގެން ހިތަށް އެރި ވާހަކައެއް ދައްކަވާފައި ވަޑައިގަންނަވަނީ ކަމަށް ޝުޖާޢު ތުހުމަތު ކުރެއްވިއެވެ.
އިސްރާއީލުގެ މީހުންނަށް ދިވެހިރާއްޖެ ނާދެވޭ ގޮތަށް މީކާއީލް ހުށަހެޅުއްވި ބިލުގައި ވަރަށް ޙީލަތްތެރި ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެ ޝުޖާޢު ވަނީ، އެ ބިލު ފާސްކުރިއިރު ޑުއަލް ޕާސްޕޯޓުންވެސް އިސްރާއީލު މީހުންނަށް ރާއްޖެ އެތެރެވެވޭނެ ގޮތް އޮތްކަން އޭރު ބެލިފައި ނެތްކަން ފާހަގަކުރައްވާފައެވެ.
އެހެންކަމުން، މީކާއީލްގެ ނިޔަތް އެދުވަހު ރަނގަޅު ނަމަ، އިއްޔެ މަޖިލީހުން ފާސްކުރި ޓެކްސްއާ ގުޅޭ ބިލުތަކަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ފުލުފުލުގައި އިޞްލާޙުތައް ހުށަހެޅުއްވި ފަދައިން، މިހާރުވެސް އިޞްލާޙެއް ލައިގެން ޑުއަލް ޕާސްޕޯޓުގައި އެތެރެނުވެވޭނެ ގޮތް ހަދަންވީ ނޫންތޯ ޝުޖާޢު ސުވާލު އުފެއްދެވިއެވެ.
ނަމަވެސް، މީކާއީލްގެ ކިބައިގައި އެފަދަ އިޚްލާޞްތެރި ނިޔަތެއް އަދި އިޚްލާޞްތެރިކަމެއްވެސް ނެތް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ސިޔާސީ ފިކުރު އުފެދިގެން އައީ އިސްރާއީލުގެ މީހުންގެ އެހީތެރިކަމާއެކު ކަމަށް ޝުޖާޢު ތުހުމަތު ކުރެއްވިއެވެ. އަދި އެމްޑީޕީގެ މެންބަރުންގެ ކިބައިގައި ހުންނަނީ ޔަހޫދީންގެ ވިސްނުމާއި އަބަދުވެސް ޙީލަތްތެރި ނިޔަތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ދިވެހިރާއްޖެއަށް އެތެރެނުވެވޭނެ ގޮތް ކަށަވަރުކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށާއި، އާ އިމިގްރޭޝަން ބިލުގައި އެކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ޔަޤީންކަން ދެއްވާފައެވެ.














