އިރާގުގެ ވެރިރަށް ބަޣުދާދުގައި އެ ގައުމުގެ ފުރަތަމަ ޔަހޫދީ ތަރިކަ ދާރުލްއާސާރު ހުޅުވުމާ ގުޅިގެން، އިސްރާއީލާއެކު ގުޅުން ބަދަހިކުރުމުގެ ނުވަތަ ”ނޯމަލައިޒޭޝަން“ ގެ މަސައްކަތްތަކަށް މަގުފަހިވާ ގޮތަށް އިރާގުގެ ސަގާފީ މުއައްސަސާތަކުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފުމަށް އީރާނުގެ މަދަދު ލިބޭ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ ހަރަކާތު އަލް-ނުޖަބާއިން އިރާގުގެ ކަމާބެހޭ ފަރާތްތަކަށް އިންޒާރު ދީފިއެވެ.
ބަޣުދާދުގެ އަލް-ރަޝީދު މަގުގައި ހުންނަ ތާރީޚީ ޝަމާޝް ސްކޫލް އިމާރާތް ބަދަލުކޮށްގެން މިދިޔަ އޮކްޓޫބަރު މަހު ހުޅުވި މި ދާރުލްއާސާރުގައި، އިރާގުގައި ޔަހޫދީންގެ އެތައް ހާސް އަހަރެއްވީ ތާރީޚާއި ތަރިކަ ރައްކާތެރިކުރުމުގެ ގޮތުން ފޮޓޯތަކާއި، ލިޔެކިޔުންތަކާއި، ސަގާފީ ހެދުންތަކުގެ އިތުރުން ތާރީޚީ އެކި ތަކެތި ބަހައްޓާފައިވެއެވެ.
ހަރަކާތު އަލް-ނުޖަބާގެ އެގްޒެކެޓިވް ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ”ތަރިކަ ދިރުވުން“ އަދި ”ތާރީޚީ ރެކޯޑުތައް ދިރާސާކުރުން“ ފަދަ ނަންނަމުގައި ބަޣުދާދުގެ އަލް-މުތަނައްބީ މަގާއި ކުރިން ޔަހޫދީން ބޭނުންކުރި ތާރީޚީ ބައެއް ސްކޫލްތަކުގައި ޝައްކުއުފެދޭ ފަދަ ހަރަކާތްތަކެއް މިހާރު އިތުރުވަމުންދާ ކަމަށެވެ.
އެ ޖަމާއަތުން ތުހުމަތުކުރާ ގޮތުގައި މި ދާރުލްއާސާރު ގާއިމުކުރުމަކީ އިރާގުގެ ޔަހޫދީންގެ ތަރިކަ ދިރުވުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ގުޅިފައިވާ ކަމެއް ކަމަށާއި، މިކަމުގެ ފަހަތުގައި ތިބި ފޮރުވިފައިވާ ފަރާތްތަކުގެ ހަގީގަތް ދެފުށް ފެންނަ ގޮތަށް ހާމަކުރަންޖެހޭ ކަމަށް އެ ބަޔާނުގައިވެއެވެ.
އިރާގުގެ ގައުމީ ޒިންމާ އަދާކޮށް، ނޯމަލައިޒޭޝަންގެ އެޖެންޑާތައް ކުރިއެރުވުމަށް ގައުމުގެ ސަގާފީ މުއައްސަސާތައް ބޭނުންކުރުން ހުއްޓުވުމަށް ސަރުކާރާއި ސަލާމަތީ ބާރުތަކުގެ އިތުރުން ސަގާފީ އިދާރާތަކަށް އެ ޖަމާއަތުން ވަނީ ގޮވާލާފައެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުން ”ޒަޔަނިސްޓުންނަށް“ ޔޫރަޕްގެ ޕާސްޕޯޓް ދީގެން އެމީހުންގެ އަސްލު ފޮރުވައި، އިރާގަށް އެތެރެވުމަށް މަގުފަހިކޮށްދިނުމަށް ރޭވުންތެރި ފިޔަވަޅުތަކެއް އަޅަމުންދާ ކަމުގެ އިންޒާރުވެސް ހަރަކާތު އަލް-ނުޖަބާއިން ވަނީ ދީފައެވެ.
އިރާގު ސަރުކާރުން އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ބަލައިނުގަންނަ އިރު، 2022 ވަނަ އަހަރު އިރާގުގައި ފާސްކުރި ގާނޫނެއްގެ ދަށުން އިސްރާއީލާއެކު އެއްވެސް ކަހަލަ ޑިޕްލޮމެޓިކް، އިގްތިސާދީ، ސިޔާސީ، އަސްކަރީ ނުވަތަ ސަގާފީ ގުޅުމެއް ގާއިމުކުރުމަކީ އުމުރަށް ޖަލަށްލުން ނުވަތަ މަރުގެ އަދަބު ލިބޭ ފަދަ ބޮޑު ކުށެކެވެ.
2020 ވަނަ އަހަރު އެމެރިކާ އިސްވެ އޮވެ އެކުލަވާލި އަބްރަހަމް އެކޯޑްސްގެ ދަށުން އެކުވެރި އަރަބި އިމާރާތާއި، ބަހްރޭން އަދި މޮރޮކޯއިން އިސްރާއީލާއެކު ގުޅުން ގާއިމުކޮށްފައިވީ ނަމަވެސް، އިރާގުން އަންނަނީ އެކަމާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅެ، ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ފުރިހަމައަށް ތާއީދުކުރަމުންނެވެ.
ދުނިޔޭގެ އެންމެ ގިނަދުވަސްވީ ޔަހޫދީ އާބާދީތަކުގެ ތެރޭގައި ހިމެނޭ އިރާގުގެ ޔަހޫދީންގެ ތާރީޚު 2,600 އަހަރަށްވުރެ ކުރިއަށް ދެމިގެންދާ އިރު، 20 ވަނަ ގަރުނުގެ މެދުތެރޭގައި އަރަބި ގައުމިއްޔަތުގެ ޝުއޫރުތައް އުފެދުމާއި، ދައުލަތުގެ ފިއްތުންތަކާއި ހަމަނުޖެހުންތަކާ ހެދި އެ ގައުމުގައި ތިބި އެތައް ލައްކަ ޔަހޫދީންގެ އާބާދީ ވަނީ މަދު ބަޔަކަށް ދަށްވެފައެވެ.











