ހަމަލާތައް މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފުވެ، ޔަހޫދީ ޓެރަރިސްޓް ސިފައިން ޓޭންކަރުތަކާއެކު އަނެއްކާވެސް ޣައްޒާގެ މެދުތެރޭގެ ސަރަހައްދުތަކަށް އަރައިގަނެ، ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.
ޣައްޒާގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔަހޫދީންގެ އަސްކަރީ ޓޭންކަރުތައް ވަނީ ޣައްޒާގެ މައި އެއް މަގު ކަމަށްވާ ޞަލާޙުއްދީން މަގުން ދަތުރުކޮށްފައެވެ. މިއީ ޔަހޫދީންގެ ބާރުގެ ދަށުގައިވާ ސަރަހައްދު ވަކިކުރާ ރީނދޫ ރޮނގުގެ ހުޅަނގަށް ވާގޮތަށް އޮންނަ ސަރަހައްދެކެވެ. މިއީ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން، އެއްގަމު މަގުން މިފަދަ ބޮޑު އުދުވާނެއް ހިންގަން ޔަހޫދީ ސިފައިން ޣައްޒާގެ ތެރެއަށް ވަދެގަތް ފުރަތަމަ ފަހަރެވެ.
މި ހަރަކާތްތަކާ ގުޅިގެން ޔަހޫދީ ސިފައިން ވަނީ އެ ސަރަހައްދަށް ވަދެ ރޭޑުތައް ޖަހައި، އާންމުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ދޭން ފަށައިފައެވެ. މި ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ އެތައް އާއިލާއަކަށް ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ.
އެއްގަމު މަގުން ދެމުންދާ ހަމަލާތަކުގެ އިތުރުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ވަނީ ޣައްޒާއަށް ވައިގެ މަގުން ވެސް އަނިޔާވެރި ހަމަލާތަކެއް ދީފައެވެ. އެގޮތުން ޞަލާޙުއްދީން މަގު ހިމެނޭ ސަރަހައްދަށް ދިން ވައިގެ ހަމަލާއެއްގައި މީހަކު ޝަހީދުވެފައިވާއިރު، ދީރުލް ބަލާޙް އަދި ޣައްޒާ ސިޓީއަށް ދިން ވަކިވަކި ހަމަލާތަކުގައި އިތުރު ދެ މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު 7ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ފެށި ގަތުލުއާންމަށްފަހު، 2025ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމެއް އެކުލަވައިލެވުނު ނަމަވެސް، ޔަހޫދީން ދަނީ މެދުކެނޑުމެއްނެތި އެއްބަސްވުމާ ޚިލާފުވަމުންނެވެ. އެއްބަސްވުމުގެ ކުރިން 74،000އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، އެއްބަސްވުމަށްފަހު ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް 1،600އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
މިކަމާ ގުޅިގެން ޙަމާސް ޖަމާއަތުން ބުނެފައިވަނީ، ޔަހޫދީންގެ މި އަމަލުތަކަކީ ވެފައިވާ އެއްބަސްވުން އެއްކޮށް ރޫޅާލައި، މަސްރަހު އިތުރަށް ގޯސްކުރުމަށް ގަސްދުގައި ކުރަމުންދާ ނުރައްކާތެރި ކަންކަން ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން މި ޖަރީމާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އެ ޖަމާއަތުން ވަނީ ގޮވާލައިފައެވެ.














