ދިވެހިރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު ގަވާއިދުން ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭ ޚާއްޞަ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށް، ދެ ޤައުމުގެ ޚާރިޖީ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްފިއެވެ.
ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސޮއިކޮށްފައިވަނީ ”ލެޓަރ އޮފް އިންޓެންޓް އޮން ދަ އެސްޓެބްލިޝްމެންޓް އޮފް ޕޮލިޓިކަލް ކޮންސަލްޓޭޝަންސް“ ގައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. އަދި ފަރަންސޭސިވިލާތު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރެމީ ލެމްބާރޓްއެވެ.
ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ފުރުޞަތު ހުޅުވިގެންދާނެއެވެ. މީގެ އިތުރުން، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުންވެސް ދޭ އަހަންމިއްޔަތާއި އެކަމަށް ފުރިހަމައަށް ތައްޔާރަށް އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ބައިނަލްއަޤްވާމީ ބޮޑެތި މައްސަލަތަކުގައި ދެ ޤައުމުން ގެންގުޅޭ ސިޔާސަތުތަކާއި ވިސްނުން އެއްގޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ފަލަސްޠީނުގެ މައްސަލައިގައި އިންޞާފު ހޯދައިދިނުމަށާއި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ފަރަންސޭސިވިލާތުން ކުރަމުންދާ މަސައްކަތްތައް ދިވެހި ސަރުކާރުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށްވެސް ވަޒީރު އިރުތިޝާމް ވިދާޅުވިއެވެ.











