ރާއްޖޭގައި އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތައް ތަރައްގީކުރުމަށް މާސްޓާ ޑިވެލޮޕަރުންނަށް 99 އަހަރުގެ މުއްދަތަށް ބިން ކުއްޔަށް ދެވޭ ގޮތަށް ސަރުކާރުން ހުށަހެޅި ”ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު“ މިއަދު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
މި މަހުގެ 9 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި މި ބިލުގެ އިބްތިދާއީ ބަހުސް ނިންމައި، މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބިލު ބަލައިގަތުމަށް 42 މެންބަރުން ވޯޓު ދެއްވިއިރު، ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ. މަޖިލީހުން މި ބިލު ދިރާސާކުރުމަށް ފޮނުވާފައިވަނީ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށެވެ.
މި ބިލުގައިވާ ގޮތުން، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތަކުގައި ހިންގާ ވިޔަފާރިތަކުން ދޭ މުދަލާއި ހިދުމަތްތައް ބެލެވޭނީ ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްތަކުގެ ގޮތުގައެވެ. އެހެންކަމުން، އެ ޒޯންތަކުން ޖީއެސްޓީ ނެގުމަށް ހަމަޖެހިފައިވަނީ ޓޫރިޒަމް ދާއިރާގެ ރޭޓުންނެވެ.
ބޭރުގެ ފަރާތްތަކަށް މި ޒޯންތަކުން ބިމާއި ޕްރޮޕަޓީ މިލްކުކުރުމުގައި ބިލުގައި ވަނީ ހާއްސަ ހިފެހެއްޓުންތަކެއް ކަނޑައަޅާފައެވެ. އެގޮތުން، ޒޯނަކުން ޕްރޮޕަޓީއެއް ގަތުމަކުން އެއްވެސް ބިދޭސީއަކަށް ދިވެހި ރައްޔިތަކަށް ވުމުގެ ހައްގެއް ނުލިބޭނެ ކަމަށާއި، ވަކި އެއް ގައުމެއްގެ ރައްޔިތުންނަށް ނުވަތަ ކުންފުނިތަކަށް ރަޖިސްޓްރީކޮށްދެވޭނީ ޒޯނުގެ ޖުމްލަ ބިމުގެ ގިނަވެގެން 25 އިންސައްތަ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން، އިޒްރޭލުގެ ރައްޔިތުންނަށް ނުވަތަ އެ ގައުމުގެ ރައްޔިތުންގެ ހިއްސާއެއް އޮންނަ އެއްވެސް ފަރާތަކަށް މި ޒޯނުގެ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ވިއްކުމާއި ބިން ސަބްލީސްކުރުން ބިލުގައި ވަނީ މުޅިން މަނާކޮށްފައެވެ.
އިސްލާމީ އުސޫލުތަކާއި އިޖުތިމާއީ މިންގަނޑުތައް ހިފެހެއްޓުމަށްވެސް ބިލުގައި ހަރުކަށި ފިޔަވަޅުތަކެއް ހިމަނާފައިވެއެވެ. އެގޮތުން، މި ޒޯންތަކުގައި ދިރިއުޅޭ މީހުންނަށާއި ވިޔަފާރިތަކަށް ބަނގުރަލާއި އޫރުމަސް އެތެރެކޮށް، ވިއްކައި ބޭނުންކުރުން މަނާކޮށްފައިވާއިރު، ޖުވާކުޅުން ފަދަ ހަރާމް ކަންކަމަށް މަގުފަހިވާ ވިޔަފާރިތައް ހިންގުމާއި، އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިއާރު ފާޅުކޮށް އަޅުކަންކުރާ ތަންތަން ބިނާކުރުމުގެ ފުރުސަތު ނުދިނުމަށް މާސްޓާ ޑިވެލޮޕަރުގެ މައްޗަށް ވަނީ ލާޒިމުކޮށްފައެވެ.
ގައުމީ ސަލާމަތާއި ސިޔާދަތަށް އިސްކަންދިނުމުގެ ގޮތުން، މި ޒޯންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ފަދަ އަމަލުތަކަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދިނުމަކީ ޑިވެލޮޕަރަށް ލާޒިމު ކަމެކެވެ.
މި ގާނޫނާ ހިލާފަށް ހިންގާ އަމަލަކީ ޖިނާއީ ކުށެއް ކަމުގައިވާނަމަ، އިދާރީ ފިޔަވަޅު އެޅުމާއެކު އެ މައްސަލައެއް ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.











