ބަލްގޭރިއާގެ އިގްތިސާދީ ސަރަހައްދަށް ފެތޭ ކަޅު ކަނޑުގެ ހިސާބަކަށް ލައިބީރިއާގެ ދިދަ ޖަހާފައިވާ ގޭސް ޓޭންކަރެއް އަޑިއަށް ހިނގައްޖެއެވެ.
އެ ގައުމުގެ ދިފާއީ ވުޒާރާއިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މި އުޅަނދު ފެތިފައިވަނީ އައްސޭރިފަށާ ގާތްގަނޑަކަށް 50 ނޯޓިކަލް މޭލު (100 ކިލޯމީޓަރު) ބޭރުންނެވެ.
މިސްރުގެ އެލެގްޒެންޑްރިއާއިން ފުރައިގެން ރޫމޭނިއާގެ މިޑިއާ ބަނދަރަށް ދަތުރުކުރަމުންދިޔަ މި ޓޭންކަރު ރާޑަރުން ގެއްލިފައިވަނީ އަންގާރަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.
އުޅަނދު އަޑިއަށްދާކަމުގެ އިމަޖެންސީ ސިގްނަލް ލިބިފައިވަނީ ހެނދުނު 8:02 ހާއިރު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހާދިސާ ހިނގި ވަގުތު އެ ޓޭންކަރުގައި ފިލިޕީންސްއަށް ނިސްބަތްވާ 19 ފަޅުވެރިން ތިބި އިރު، އެ މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތުގައި ބަލްގޭރިއާގެ އަސްކަރީ މަތިންދާބޯޓުތަކާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިއީ ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ކަޅު ކަނޑުގެ މި ސަރަހައްދަށް އަޑިއަށް ދިޔަ ވިޔަފާރި ދެވަނަ އުޅަނދެވެ.
މީގެ ކުރިން ހޯމަ ދުވަހު ވެސް ސޯމާލިއާގެ ދިދަ ޖަހާފައިވާ ކާގޯ ބޯޓެއް ހަމަ އެ ސަރަހައްދަށް އަޑިއަށް ގޮސްފައިވާ އިރު، އެ ބޯޓުގައި ތިބި 12 ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ.
މި ދެ ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ތަހުގީގު ފަށާފައެވެ.
ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ އަސަރު މި ސަރަހައްދަށް ފޯރާފައިވާ އިރު، ފާއިތުވި ހަފްތާތަކުގައި ބަލްގޭރިއާ އާއި ރޫމޭނިއާގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ޑްރޯން ހަމަލާތަކެއް އަމާޒުވެފައިވާކަން ފާހަގަކުރެވެއެވެ.











