ޤައުމަށް ފައިދާވާނެ ކަމެއްނަމަ، އެއީ އާންމުންގެ ނުރުހުން އަމާޒުވާ ”އަންޕޮޕިއުލަރ“ ކަމަކަށް ވީނަމަވެސް އެކަމެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ބައެއް ފަހަރު ވަރަށް ”އަންޕޮޕިއުލަރ“ ނުވަތަ ގިނަ ބަޔަކު ނުރުހޭ ފަދަ ކަންކަން ކުރައްވާ ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް، ސިޔާސީ ގޮތުން މަޤްބޫލުކަން ގެއްލުނު ކަމުގައި ވިޔަސް، އެކަމަކީ ދިވެހި ޤައުމާއި ރައްޔިތުންނަށް ފައިދާހުރި ކަމެއްނަމަ ފަސްޖެހިވަޑައިނުގެން އެކަމެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޤައުމު ހަމަމަގަށް އަޅުވައި އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމު ކުރިއެރުވުމަށްޓަކައި އުނދަގޫ ނިންމުންތައް ނިންމަން ޖެހޭ ކަމަށެވެ. އަދި ވަގުތީ ގޮތުން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވިޔަސް، ދުރު ރާސްތާގައި އޭގެ ފައިދާ މުޅި ޤައުމަށް ކުރާނެ ފަދަ ކަންކަން ކުރުމުގައި ސާބިތުވެ ހުންނަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލޭގައި މިރޭ ބޭއްވި މި ޖަލްސާގައި، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހާސިލުކޮށްފައިވާ މުހިންމު ކާމިޔާބީތަކާއި ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ރައީސް ވަނީ ތަފްޞީލީ ގޮތެއްގައި ވާހަކަފުޅު ދައްކަވާފައެވެ.











