މި ސަރުކާރުގެ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 13،000 އަށްވުރެ ގިނަ ބިދޭސީން ހޯދައި، އެމީހުންގެ ޤައުމުތަކަށް އަނބުރާ ފުރުވާލާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބާއްވަމުންދާ ”ހަފްތާ 156“ ޖަލްސާގައި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ޒަމާނުއްސުރެ ހައްލުނުވެ އޮތް ބިދޭސީންގެ މައްސަލައަކީ ޤައުމީ ސަލާމަތާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށެވެ. އެހެންކަމުން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި މޯލްޑިވްސް އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންތަކުގެ ދަށުން، ސައްޙަ ލިޔެކިޔުން ނެތި އުޅޭ ބިދޭސީންނާއި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ހަރުދަނާ ދަފްތަރެއް އެކުލަވާލުމަށް ސަރުކާރުން ކުރިއަށްގެންދާ ”އޮޕަރޭޝަން ކުރަނގި“ ގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި މަސައްކަތުގެ ސަބަބުން ރާއްޖޭގައި އުޅޭ ބިދޭސީންގެ ޖުމްލަ އަދަދާއި، އެމީހުން ވަޒީފާ އަދާކުރާ ތަންތަނުގެ އިތުރުން އެމީހުންނަށް ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަނެވި، ބިދޭސީން ޤާނޫނީ ނިޒާމުގެ ތެރެއަށް ވެއްދުމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ވިޔަފާރިވެރިންނަށާއި، ޚާއްޞަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އޮތް ފުރުޞަތުތައް ބިދޭސީން ގަވާއިދާ ޚިލާފަށް ހޯދަމުންދާ ދިއުން ހުއްޓުވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި ޤާނޫނާއި ގަވާއިދުގެ ތެރެއިން ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.










