މި އަހަރުގެ ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ”ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ“ (ވަރަ އެކްސްޕޯ 2026) ގެ ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ. މި އެކްސްޕޯއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ.
މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 26 އިން 28 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ދިވެހި ޒުވާނުންނަށް ވަޒީފާގެ އެކި ދާއިރާތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ވަޒީފާދޭ ފަރާތްތަކާ ސީދާ ބައްދަލުކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ. އެގޮތުން، މި އެކްސްޕޯގެ ތެރެއިން ކެރިއަރ ކައުންސެލިންގ ސެޝަންތަކާއި، މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާ ގުޅުން ބަދަހިކުރުމުގެ މުހިންމު ފުރުސަތުތަކެއް ބައިވެރިންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން މަޢުލޫމާތުދެއެވެ.
މި ހަރަކާތުގައި ބީއެމްއެލްގެ ފަރާތުން ބައިވެރިވެ، އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، އިންޓާންޝިޕް ޕްރޮގްރާމްތަކުގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމަށްޓަކައި ހިންގާ ތަމްރީނުތަކާ ގުޅޭ ތަފުސީލީ މައުލޫމާތު ހިއްސާކުރާނެއެވެ. މިއީ ދިވެހި ޒުވާނުން ބާރުވެރިކުރުވުމަށާއި، އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެ ބޭންކުން ދޭ ހާއްސަ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމެކެވެ.
ދިވެހި ޒުވާނުންގެ ތައުލީމާއި ހުނަރުވެރިކަން އިތުރުކޮށް، ވަޒީފާގެ މައިދާނުގައި ކުރިއަށްދިއުމަށް އެހީތެރިވުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މީގެ ކުރިން 2025 ވަނަ އަހަރު ބޭއްވި ވަރަ އެކްސްޕޯގެ މެއިން ސްޕޮންސަރެއްގެ ގޮތުގައިވެސް އަގުހުރި އެއްބާރުލުމެއް ދީފައެވެ.










