ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، 24 ގަޑިއިރު ހިދުމަތް ލިބޭ އޮންލައިން ޕޯޓަލެއް މިއަދު ރަސްމީކޮށް ތައާރަފުކޮށްފި އެވެ.
ރައީސް އޮފީހުގެ ދަށުން ހިންގާ ’ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ‘ މެދުވެރިކޮށް އާންމުންގެ ހިޔާލާއި ޝަކުވާތައް ބަލައިގަތުމަށް ހާއްސަކޮށްފައިވާ މި ޕޯޓަލްއަށް ދީފައިވާ ނަމަކީ ’ސިޓިޒެންސް ވޮއިސް‘ އެވެ.
މި ވަގުތު ވެބްސައިޓް މެދުވެރިކޮށް މި ޕޯޓަލްގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ކުރިއަށް އޮތް ތަނުގައި މޯބައިލް ފޯނު އެޕްލިކޭޝަނެއް ވެސް ތައާރަފުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ކޮމްޕްލެއިންޓްސް ބިއުރޯގެ ހޮޓްލައިން ނަންބަރު 1470 އަށް ގުޅައިގެން ވެސް އާންމުންނަށް ޝަކުވާ ހުށަހެޅޭނެ އެވެ.
އާންމުންގެ ޝަކުވާތައް ބަލައިގަތުމަށް 24 ގަޑިއިރު ހިދުމަތް ދޭނެ ވަކި އޮފީހެއް ގާއިމުކުރައްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
އެ އިއުލާނާ ގުޅިގެން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެ ބިއުރޯ އުފައްދަވައި، އެ ތަނުގެ އިސްވެރިއެއްގެ ގޮތުގައި ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމަށް ޑރ. މާހިދު ޝަރީފް ވަނީ އައްޔަންކުރައްވާފަ އެވެ.













