ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ކުރިއަށްދިއުމަށާއި، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އިތުރު ދައުރެއް ކާމިޔާބުކޮށްދިނުމަށް އެހީތެރިވުމަށް އަދާލަތު ޕާޓީން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު ރަސްމީ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އަދާލަތު ޕާޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާނެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ސޮއިކުރެވުނު މި އެއްބަސްވުމަކީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރި ޤަރާރަކަށް އަމަލީ ސިފަ ގެނައުމުގެ ގޮތުން އެކުލަވާލި އެއްބަސްވުމެކެވެ.
އަދާލަތު ޕާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާއިން މަޝްވަރާ މަޖިލީހަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ފާސްކުރި އެ ޤަރާރުގައި ވަނީ، ރައީސް މުޢިއްޒުގެ ދަޢުވަތު ޤަބޫލުކޮށް، މި ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރު ހިންގުމުގައި ބައިވެރިވުމަށް ނިންމާފައެވެ. ހަމައެއާއެކު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު ކޯލިޝަން ހަދައި، އެ ޕާޓީގެ ކެންޑިޑޭޓް ރައީސް މުޢިއްޒަށް ތާއީދު ހޯދުމަށް ކެމްޕޭން ކުރުމަށްވެސް އެ ޤަރާރުގައި ވަނީ ކަނޑައަޅާފައެވެ.
ސަރުކާރާއެކު ގުޅިގެން މަސައްކަތްކުރުމަށް ނިންމި ސަބަބު ހާމަކުރަމުން އަދާލަތު ޕާޓީން ނެރުނު ޤަރާރުގައި ބުނެފައިވަނީ، އެ ޕާޓީ އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތުގެ އިތުރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ އުސޫލުތަކުގެ މަތިން ޤައުމު ތަރައްޤީކުރުން ކަމަށެވެ. އެހެންކަމުން، ޤައުމީ އެއްބައިވަންތަކަން ވަރުގަދަކޮށް ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ސަރުކާރާއެކު މަސައްކަތްކުރުމަކީ ޤައުމަށް އެންމެ މަޞްލަޙަތު ހުރި ގޮތް ކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ދެކެއެވެ.
ސަރުކާރުން ބާކީ އޮތް ދެ އަހަރު އެކީގައި މަސައްކަތްކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް 2028 ގައި ތާއީދުކުރުމަށް، ރަސްމީކޮށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއި ޢަދާލަތު ޕާޓީގެ މެދުގައި އެއްބަސްވުމެއް ގާއިމުކޮށްފި
An official agreement has been established… pic.twitter.com/DVLwSgZ17D
— PNC Secretariat (@pnc_secretariat) November 16, 2026
ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ 2005 ވަނަ އަހަރު ލިބުމާއެކު އެންމެ ފުރަތަމަ އުފެދުނު ޕާޓީތަކުގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީއަކީ، ރާއްޖޭގެ ވެރިކަމަށް އަންނަ ކޯލިޝަން ސަރުކާރުތަކުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޕާޓީއެކެވެ. އެގޮތުން 2008، 2013 އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުތަކުގައިވެސް އެކި ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ސަރުކާރު އުފެއްދުމުގައި އެ ޕާޓީން ވަނީ މުހިންމު ބައިވެރިވުމެއް އަދާކޮށްފައެވެ.













