ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މާދަމާ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މާދަމާ ރޭ 20:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޖަލްސާގެ ތަފްޞީލުތައް ސަރުކާރުން އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރުން ހާސިލުކުރި ކާމިޔާބީތަކާއި ކުރިއަށް ރޭވިފައިވާ މުހިންމު މަޝްރޫޢުތަކުގެ މަޢުލޫމާތު މި އެއްވުމުގައި ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށް ބެލެވެއެވެ.
ޑރ. މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
މި ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ނިންމާފައިވާއިރު، ވެރިކަންކުރާ ޕީއެންސީން ވެސް ވަނީ މިއަދު ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ތާވަލުކޮށްފައެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ޕީއެންސީގެ ރިޔާސީ ޓިކެޓް މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި ވަނީ ރައީސް ޑރ. މުއިއްޒަށް ރަސްމީކޮށް އަރުވާފައެވެ.













