ދިވެހިރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި، މި ޤައުމަށް ޙަޤީޤީ އަމާންކަން ލިބޭނީ މާތް ﷲ އަންގަވާފައިވާ ގޮތަށް މަރުގެ އަދަބު ތަންފީޒުކޮށްގެން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި، ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދު ހުށަހެޅުއްވި މި ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމަކީ އަސްލު ވަކި ޚާއްޞަ ޤާނޫނެއް އޮންނަންޖެހޭ ވެސް ކަމެއް ނޫން ކަމަށެވެ. އެއީ ކީރިތި ޤުރްއާނުގެ ސޫރަތުލް ބަޤަރާގެ 178 ވަނަ އާޔަތުގައި މާތް ﷲ ސާފުކޮށް ބަޔާންކުރައްވާ އަންގަވާފައިވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޤައުމަށް ނިޢުމަތްތައް ލިބިގެންދާނީ އިސްލާމީ ޝަރީޢަތުގައި އެކަން ކަނޑައަޅުއްވާފައިވާ ގޮތަށް ތަންފީޒުކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް މުޚާޠަބުކުރައްވައި ޝުޖާއު ވިދާޅުވީ، މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ބަހުސް ކުރައްވާނީ މި ކަމާ ވަރަށް ބީރައްޓެހިކޮށް ދުރުންކަން އެންމެ ފުރަތަމަ ދުވަހު ވެސް އެނގޭ ކަމަށެވެ.
މިހާރުގެ ޤާނޫނުއަސާސީ އައި ފަހުން މި ޤައުމު ދުށް ބިރުވެރި ދުވަސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މެންބަރު ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުގައި ރެއާއި ދުވާލު މަގުމަތީގައި މީހުން މަރަމުންދިޔަ ޒަމާނެއް މި ޤައުމު ދެކެފައިވާ ކަމަށެވެ. އަދި ޒުވާނުން ބަދަލުހިފުމުގެ ރޫޙުގައި އެކަކު އަނެކަކުގެ ގަޔަށް ވަޅިޖަހައި، މުޅި ޤައުމުގެ އަމަންއަމާންކަން ނަގާލެވިގެންދިޔަ ހިތާމަވެރި ޙާލަތްތައް ދިމާވީ މާތް ﷲ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބައްޓަންކުރެވިފައި ނެތުމުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މީގެއިތުރުން، އެފަދަ ނުރައްކާތެރި ޖަރީމާތައް މުޖުތަމަޢުގައި ޢާންމުވެގެން ދިޔައީ ޤައުމުގެ ވެރިކަން ކުރަން ތިއްބެވި ވެރިން ”ފިނޑިވުމުގެ ސަބަބުން“ ކަމަށް ޝުޖާއު ސިފަކުރެއްވިއެވެ.
ވާހަކަ ނިންމަވާލައްވަމުން ޝުޖާއު ތަކުރާރުކޮށް ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް އުންމަތަކަށް ޙަޤީޤީ ޞުލްޙަޔާއި އަމަންއަމާންކަން އަންނާނީ މާތް ﷲ ގެ އަމުރުފުޅުތަކާ އެއްގޮތަށް މަރުގެ އަދަބު ތަންފީޒު ކުރަން ފަށައިގެން ކަމަށެވެ. އެހެންކަމުން މެންބަރު ޙަނާން ހުށަހެޅުއްވި ބިލަކީ މިވަގުތަށް ނުހަނު މުހިންމު ބިލެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.













