ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔުމަކީ އިގްތިސޯދީ ގޮތުން ކުރިއަރައި، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް އޮތް އެންމެ މުހިންމު އަސާސް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އިސްތިއުމާރީ އަޅުވެތިކަން ތަހައްމަލުކުރި ގައުމުތަކުގެ ތެރެއިން ހަގީގީ ތަރައްގީ ހޯދިފައިވަނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) އަށް ފުރުސަތު ދިން ގައުމުތަކަށް ކަމަށެވެ.
ނަމަވެސް، ބޭރުގެ އިންވެސްޓްމަންޓްތަކަކީ ހަމައެކަނި ގައުމުގައި ހުންނަ ރޯ މެޓީރިއަލް ނުވަތަ ގުދުރަތީ ވަސީލަތްތައް ނަގައިގެން ގެންދިއުމަށް އޮންނަ ކަމަކަށް ވެގެން ނުވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޭގެ ބަދަލުގައި، ރޯ މެޓީރިއަލް ޕްރޮސެސްކޮށް، ގައުމުގައި އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިވާ ފަދަ އިންވެސްޓްމަންޓްތަކަކަށް އެ ކަންކަން ވުން ލާޒިމް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން ސިންގަޕޫރާއި ދެކުނު ކޮރެއާ ފަދަ ގައުމުތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެ ގައުމުތަކުގެ މިނިވަންކަމަށާއި އިސްތިގުލާލަށް އެއްވެސް އުނިކަމެއް އައިސްފައި ނުވާ ކަމަށެވެ.
އެއާ ހިލާފަށް، އެފަދަ އިންވެސްޓްމަންޓްތަކުން އެ ގައުމުތަކުގެ އިގްތިސޯދު ވަރުގަދަވެ، އަމިއްލަ އިސްތިގުލާލު ދިފާއުކުރުމުގެ ގާބިލުކަން ލިބި، ބައިނަލްއަގުވާމީ މައިދާނުގައި ވަރުގަދަ ޖާގައެއް ކަށަވަރުކުރެވުނީ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ސަރުކާރުން ހިންގާ ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު ކަމަށާއި، އެކަން އެގޮތަށް ނުކުރާނަމަ މަގުމައްޗަށް ނުކުންނަން ޖެހޭނެ ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުން ދާދި ފަހުން ގަރާރެއް ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީގެ ގިނަ މެންބަރުން ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވަކާލާތު ކުރައްވަނީ، އެ މަޝްރޫއުގެ އެއްބަސްވުންތައް ހާމަނުކުރުމާއި ރައްޔިތުންގެ މަޝްވަރާއެއް ނެތި ކުރިއަށް ގެންދާތީ ކަމަށް ބުނެއެވެ.
އެހެންނަމަވެސް، ޕާޓީގެ ގިނަ މެންބަރުންގެ ވިސްނުމާ ތަފާތުކޮށް، ރަސްމާލެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާކަން ރައީސް ނަޝީދު މީގެ ކުރިންވެސް ވަނީ ހާމަކުރައްވާފައެވެ.
މި މަޝްރޫއާ ގުޅޭގޮތުން ސަރުކާރުގެ އިސްވެރިން އެކި ގޮތްގޮތަށް ވާހަކަ ދައްކަވަމުން ގެންދަވާއިރު، ރަސްމާލެ މަޝްރޫއު ހިންގުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.













