ބައިނަލްއަޤްވާމީ ފީފާގެ މިންގަނޑުތަކަށް ފެތޭ ގޮތަށް، އެއްފަހަރާ ގިނަ މެޗުތަކާއި ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ ޒަމާނީ ފަސް ކޯޓު ހިމެނޭ ”ނޭޝަނަލް ފުޓްސަލް އެރީނާ“ ބިނާކުރުމުގެ އަމަލީ މަސައްކަތް ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 720 ދުވަހުގެ ތެރޭގައި އެރީނާގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލާ ގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން ބިނާކުރާ 21 މީޓަރު އުސް މަލްޓި-ލެވެލް އިންޑޯ ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯގައި 20 މީޓަރާއި 40 މީޓަރުގެ ކުޅޭ ސަރަޙައްދެއް އަދި ރަންއޯފްއާއެކު 26 މީޓަރާއި 46 މީޓަރުގެ މައި މެޗު ކޯޓެއް ހުންނާނެއެވެ. މީގެ އިތުރުން ގްރައުންޑް ފްލޯގައި ދެ ޕްރެކްޓިސް ކޯޓާއި މަތީ ފަންގިފިލާގައި ދެ ޕްރެކްޓިސް ކޯޓާއެކު ޖުމްލަ ހަތަރު ޕްރެކްޓިސް ކޯޓު ޤާއިމުކުރާނެއެވެ. ކޮންމެ ޕްރެކްޓިސް ކޯޓެއްގައި 20 މީޓަރާއި 40 މީޓަރުގެ ކުޅޭ ސަރަޙައްދެއް އޮންނައިރު، ރަންއޯފްއާއެކު ކޯޓުގެ ބޮޑުމިނަކީ 24 މީޓަރާއި 44 މީޓަރެވެ.
ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުން ރައްކާތެރިކޮށްދީ، އަލި ރިފްލެކްޓްވުން ކުޑަކުރުމަށްޓަކައި މި އެރީނާގެ ހުރިހާ ކޯޓެއްގައިވެސް އަޅާނީ 35 އިންސައްތަ ޝޮކް އެބްޒޯބްކުރާ، ބައިނަލްއަޤްވާމީ ފީފާ މިންގަނޑުގެ ކުޝަންޑް ވައިނައިލް ސްޕޯޓްސް ފްލޯރިންގއެވެ.
ކުޅިބަލާ މީހުންނަށް ޚާއްޞަ ވަސީލަތްތަކަށް ބަލާއިރު، މައި މެޗު ކޯޓުގައި 900 މީހުންނަށް ތިބެވޭ ސްޕެކްޓޭޓަރ ސްޓޭންޑަކާއި ޓިކެޓް ކައުންޓަރުތަކުގެ އިތުރުން ކޮންސެޝަން ސްޓޭންޑްތައް ހުންނާނެއެވެ. އަދި އެރީނާގެ ދެވަނަ ފަންގިފިލާގައި ޚާއްޞަ ވީއައިޕީ ލައުންޖަކާއި 8 ކޯޕަރޭޓް ބޮކްސްވެސް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އިމާރާތުގައި ކުޅުންތެރިންނާއި އޮފިޝަލުން ވަދެނިކުތުމަށް ވަކި ޚާއްޞަ ދޮރުތަކެއް ހުންނައިރު، ޓީމު ލޮކަރ ރޫމްތަކާއި ފެންވަރާ ތަންތަނާއި ކިޓް ރޫމްތައް ހިމެނެއެވެ. ހަމައެއާއެކު، ޕްލޭޔަރސް ލައުންޖަކާއި މެޑިކަލް އެންޑް ޑޯޕިންގ ކޮންޓްރޯލް ރޫމެއްގެ އިތުރުން މަލްޓިޕަރޕަސް ޓްރެއިނިންގ ހޯލަކާއި އިދާރީ އޮފީސްތައްވެސް މި ތަނުގައި ޤާއިމުކުރާނެއެވެ.
ފުޓްސަލްއަށް ޚާއްޞަ މި ކޮމްޕްލެކްސް އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ.









