މާލޭ ވިޔަފާރި ބަނދަރުން ތިލަފުށި ކާގޯ ޓާމިނަލަށް ކޮންޓެއިނަރު ގެންދިއުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފީ ނަގަން ފަށައިފިއެވެ. މިކަން ހާމަކޮށް އެމްޕީއެލް އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން، މި ފީ ނަގަން ފަށާފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
އެމްޕީއެލް އިން އާންމުކޮށްފައިވާ އަގުތަކަށް ބަލާއިރު، މާލޭ ވިޔަފާރި ބަނދަރުން ތިލަފުށި ކާގޯ ޓާމިނަލަށް 20 ފޫޓުގެ ކޮންޓެއިނަރެއް ގެންދިއުމަށް ނަގަނީ 1،500 ރުފިޔާއެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރެއް ގެންދިއުމަށް ނަގާނީ 3،000 ރުފިޔާގެ ފީއެކެވެ. މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، ޚިދުމަތްތައް ފިޔަވަހިތަކަކަށް ބަހާލައިގެން ބަދަލުކުރަމުން އަންނައިރު، އޭގެ ތެރެއިން މުދަލާއެކު ކޮންޓެއިނަރު ދޫކުރުމުގެ ޚިދުމަތް މިހާރު ވަނީ ތިލަފުށީ ޕޯޓުގައި ފަށާފައެވެ.
Effective 15 November 2026, new container transfer charges will apply between Malé Commercial Harbour (MCH) and Thilafushi Cargo Terminal (TCT). This is part of the ongoing Port Migration Project, as we continue to expand operations and services at Thilafushi.#MPL #PortMV… pic.twitter.com/lPUyhjzIh5
— Maldives Ports Limited (@Portmv) November 15, 2026
ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ބާވަތެއްގެ މުދަލެއްވެސް ބޭރު ޤައުމުތަކުން އެތެރެކުރާ ޤައުމަކަށްވާއިރު، ރާއްޖެއަށް އެތެރެކުރާ މުދަލުގެ ބޮޑުބައި ކްލިއަރ ކުރަނީ މާލޭ ވިޔަފާރި ބަނދަރުންނެވެ. މީގެ ސަބަބުން މި ބަނދަރު ވެފައިވަނީ 24 ގަޑިއިރު ހުއްޓުމެއްނެތި ހިންގަންޖެހޭ ރާއްޖޭގެ އިޤުތިޞާދުގެ މައި ނާރެހަށެވެ. މާލޭ ވިޔަފާރި ބަނދަރަކީ 1986 ވަނަ އަހަރު ޚިދުމަތް ދޭން ފެށި ބަނދަރަކަށްވާއިރު، 2015 ވަނަ އަހަރުން ފެށިގެން މި ބަނދަރުން ޚިދުމަތް ދެމުން އަންނަނީ އޭގެ އަސްލު ޖާގައަށްވުރެ ތިން ގުނަ އިތުރަށެވެ.
މި ދަތިތަކަށް ދާއިމީ ހައްލެއް ހޯދައި، ރާއްޖޭގެ އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ހުރި ގޮންޖެހުންތައް ނައްތާލުމުގެ ބޭނުމުގައި، ސަރުކާރުން މިހާރު ދަނީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.
ތިލަފުއްޓަށް ބަނދަރު ބަދަލުވުމުން އޭގެ ހެޔޮ ފައިދާ އާންމު ރައްޔިތުންނަށް ސީދާ ގޮތުން ކުރާނެއެވެ. އެގޮތުން ވިޔަފާރިވެރިން މުދާ އެތެރެކުރުމަށް ކުރަންޖެހޭ ހޭދަ ކުޑަވެ، މާކެޓުގައި މުދަލުގެ އަގުތައް އަތްފޯރާ ފަށަށް ތިރިވުމަށް މަގުފަހިވެގެންދާނެއެވެ. ރައްޔިތުންގެ އުއްމީދުތަކާ އަދި ޤައުމުގެ މުޅި އިޤުތިޞާދާ ގުޅިފައިވާ މި ބޮޑު މަޝްރޫޢު، އަންނަ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް އެއްކޮށް ނިންމުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެވެ.













