ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަންޖެހޭ ލޯނެއް ނުދައްކައިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ގެ ހިއްސާ އޮންނަ ހެވީ ލޯޑް ކުންފުނިން ރަހާ ރިސޯޓު ހިންގަމުން އަންނަ ދެ ރަށް ވިއްކާލަން އަނެއްކާވެސް އިއުލާނުކޮށްފިއެވެ.
ބީއެމްއެލް އިން ވިއްކާލަން އިއުލާނުކޮށްފައިވަނީ ރަހާ ރިސޯޓު ހިންގަމުން އަންނަ ލ. އަތޮޅު ފަރެސް އަދި ކުޑަފަރެސް އެވެ. މި ދެ ރަށް ވިއްކާލަން ހުޅުވާލާފައިވަނީ މަދުވެގެން 45.6 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 703 މިލިއަން ރުފިޔާ) އަށެވެ. 2064 ވަނަ އަހަރާ ހަމައަށް ހެޑްލީޒްގެ މުއްދަތު އޮތް މި ދެ ރަށް ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަންޖެހޭނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.
މި ދެ ރަށް ވިއްކާލަން ބޭންކުން އިއުލާނުކޮށްފައިވަނީ، ހެވީ ލޯޑުން ބީއެމްއެލް އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ރަހާ ރިސޯޓު ވިއްކާލުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުން މި މަހުގެ 2 ވަނަ ދުވަހު ކުރި ހުކުމާ ގުޅިގެންނެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން މި ދެ ރަށް ވިއްކާލަން ބޭންކުން ވަނީ އިއުލާނުކޮށްފައެވެ.
ލ. އަތޮޅުގައި ހިންގާ ރަހާ ރިސޯޓަކީ އެހެން ރިސޯޓުތަކާ އަޅާބަލާއިރު ތަފާތު ގުދުރަތީ ރީތިކަމެއް ލިބިފައިވާ ރިސޯޓެކެވެ. އެގޮތުން، އެ ރިސޯޓުގެ އެންމެ ހާއްސަ އެއް ސިފައަކީ ރަށުގެ އެތެރޭގައި އޮންނަ ގުދުރަތީ ހިތްގައިމު ލޮނުގަނޑެވެ. މިއީ ރިސޯޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްގައިމު އަދި ތަފާތު މާހައުލެއް ގެނެސްދޭ ކަމެކެވެ.
ފުރިހަމަ ވަސީލަތްތަކާއެކު ހިންގަމުން އަންނަ މި ރިސޯޓުގައި ބީޗް ވިލާތަކާއި، ލޭކް ވިއު ވިލާތަކުގެ އިތުރުން ސޯލްޓް ވޯޓާ ލޭކް ވިލާ އާއި އޯޝަން ވިއު ވިލާތައް ހިމެނެއެވެ. މީގެ އިތުރުން ކެއިންބުއިމުގެ ހިދުމަތް ދޭ ތިން ރެސްޓޯރެންޓާއި، ވެލްނެސް ސްޕާ، ޒަމާނީ ޖިމް އަދި ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބެއް ވެސް އެ ރިސޯޓުގައި ގާއިމުކޮށްފައިވެއެވެ.












