ޞިއްޙަތާއި މޫސުމީ ބަދަލުތަކުގެ ދާއިރާއިން ދިވެހިންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމަށްޓަކައި، ސައުތު އޭޝިއަން ޔުނިވަރސިޓީ (އެސްއޭޔޫ) އާއެކު ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ މެދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދަވާފައިވަނީ އެސްއޭޔޫގެ ރައީސް ޕްރޮފެސަރ ކޭ. ކޭ. އަގަރްވާލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދެފަރާތުގެ މަސްލަޙަތު ހިމެނޭ މުހިންމު ދާއިރާތަކުން ތަޢުލީމު ފޯރުކޮށްދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
މީގެ އިތުރުން، ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމުގެ އައު ދޮރުތައް ހުޅުވައިދިނުމުގެ މަޤްޞަދުގައި، ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި ސައުތު އޭޝިއަން ޔުނިވަރސިޓީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.












