އީރާނާ ދެކޮޅަށް ދެވޭ ކޮންމެ ހަމަލާއަކަށް ރައްދު ދިނުމުގައި އެ ޤައުމު ދެމިއޮންނާނެ ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. މިހެން ބުނެފައިވަނީ ފަހަކަށް އައިސް ބަޙްރައިނަށް އަމާޒުކޮށް ދެވުނު ކަމަށް ބުނާ ހަމަލާތަކަކާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ، އެއްވެސް ހަމަލާއެއް ޖަވާބު ނުދީ ދޫކޮށްނުލާނެ ކަމަށް ކުރިންވެސް ބުނެފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ޤައުމުން ގެންގުޅޭނީ އެ ސިޔާސަތު ކަމަށް އޭނާ ކަށަވަރުކޮށްދެއްވިއެވެ.
އެމެރިކާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބަޤާއީ ފާހަގަކުރެއްވި ގޮތުގައި، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ މެދު އެމެރިކާގެ އޮފިޝަލުންގެ މެދުގައި ފާހަގަކޮށްލެވޭ ފަދަ ޚިޔާލު ތަފާތުވުމެއް ނެތެވެ. އަދި މިފަދަ ކަންކަމުގައި ނިންމުންތައް ނިންމަނީވޮޝިންޓަންގައި ނޫން ކަމަށާއި، އެއީ ”އެހެން ކޮންމެވެސް ތަނަކުން“ ނިންމާ ނިންމުންތަކެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މީގެއިތުރުން، ޑިޕްލޮމެސީ ނުވަތަ ސިޔާސީ މަޝްވަރާތައް ބޭނުންކުރުމަކީ ވަކި ފަރާތަކަށް އުންމީދުކޮށްގެން ތިބުން ނޫން ކަމަށް ބަޤާއީ ވިދާޅުވިއެވެ. އަދި އެމެރިކާގެ ޑިޕްލޮމޭޓުން ތިބީ ”ހަންޖަރު ދަމައިގަނެގެން“ ކަމަށް ސިފަކުރައްވަމުން، އެމެރިކާގެ ނިޔަތާމެދު އިތުބާރު ނުކުރެވޭނެކަން އޭނާ ހާމަކުރެއްވިއެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، އެ ޕްރޮގްރާމާ ގުޅޭގޮތުން އެއްވެސް ޝަރުތެއް ނުވަތަ އިލްތިޒާމެއް އީރާނުން ބަލައިނުގަންނާނެ ކަމަށެވެ. އަދި މިވަގުތު އޮތް ހާލަތަށް ބަލާއިރު، އެފަދަ އެއްވެސް ވައުދެއް ވެވެން ނެތް ކަމަށްވެސް ބަޤާއީ ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ މަސްރަޙު މިހާރު ހޫނުވެފައިވާ ދަނޑިވަޅެއްގައި، އީރާނުން މިފަދަ ހަރުކަށި ބަޔާނެއް ދީފައި މިވަނީ ސަރަޙައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ވަގުތެއްގައެވެ. މިގޮތުން، އެ ޤައުމުގެ ސިޔާދަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ޢަމަލަކަށް ފަސްޖެހުމެއް ނެތި ފުރިހަމަ ރައްދު ދޭނެކަމުގެ އިންޒާރު އީރާނުން ވަނީ ތަކުރާރުކޮށް ދީފައެވެ.













