އީރާނުން ބަޙްރައިނަށް އަމާޒުކޮށް މެދުކެނޑުމެއްނެތި ދެމުންގެންދާ ހަމަލާތަކަކީ އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން ކަމަށާއި، އެއީ މުޅި ސަރަޙައްދީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ ބަޙްރައިނުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ބަޙްރައިންގެ ފޮރިން މިނިސްޓްރީން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ވައިގެ ދިފާޢީ ނިޒާމުން ވަނީ އާދީއްތަ ދުވަހު ފޮނުވާލި ޑްރޯންތަކެއްގެ އިތުރުން ވޭތުވެދިޔަ ހުކުރު ދުވަހު ފޮނުވާލި ދެ ޑްރޯން ހުއްޓުވައި، ވައިގެ ތެރޭގައި ނައްތާލާފައެވެ. އަދި މި ހަމަލާތަކުގެ ޒިންމާ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ފާޅުކަން ބޮޑު ގޮތެއްގައި އުފުލާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވަނީ މި ހަމަލާތަކަކީ ބަޙްރައިންގެ ސިޔާދަތާއި ސަރަޙައްދީ ނަޒާހަތްތެރިކަމަށް ދިން ފާޅުކަން ބޮޑު ޢުދުވާނެއް ކަމަށެވެ. އަދި މިއީ އީރާނުން ބަޙްރައިނަށާއި އަވަށްޓެރި ގައުމުތަކަށް ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ނަންބަރު 2817 އާ ސީދާ ޚިލާފު، ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށްވެސް ބަޔާނުގައިވެއެވެ.
މީގެއިތުރުން، މި ހަމަލާތަކަކީ ބަޙްރައިންގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާކޮށް، ސަރަޙައްދުގެ ނުތަނަވަސްކަން ކުޑަކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ހުރަސްއަޅާ ކަމެއް ކަމަށް އެ ގައުމުން ފާހަގަކުރެއެވެ. އަދި މި ހަމަލާތައް ދިނުމަށް އީރާނުން ދައްކާ އެއްވެސް ބަހަނާއެއް ބަލައިނުގަންނާނެ ކަމަށާއި، އެހެން ގައުމެއްގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމަށް އެއްވެސް އުޒުރެއް ނުދެއްކޭނެ ކަމަށްވެސް ބަޙްރައިނުން ބުނެފައިވެއެވެ.
މި ހަމަލާތަކާއި އޭގެ ސަބަބުން ނުކުމެދާނެ އެންމެހައި ނަތީޖާތަކުގެ ފުރިހަމަ ޒިންމާ އީރާނުން އުފުލަންޖެހޭނެ ކަމަށް ބަޙްރައިނުން ވަނީ ހާމަކޮށްފައެވެ. އަދި އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން، އަމިއްލަ ދިފާޢުގައާއި އެކުވެރި ގައުމުތަކާ ގުޅިގެން ދިފާޢީ ފިޔަވަޅު އެޅުމުގެ ފުރިހަމަ ހައްގު ބަޙްރައިނަށް ލިބިގެންވާ ކަމަށްވެސް އެ ގައުމުން ހަނދާންކޮށްދިނެވެ.
ބަޙްރައިންގެ ފޮރިން މިނިސްޓްރީން ވަނީ އދ. ގެ ސަލާމަތީ މަޖިލީހަށް އިލްތިމާސްކޮށް، އީރާނުގެ މި ހަމަލާތައް ކުށްވެރިކުރުމަށާއި، ސަލާމަތީ މަޖިލީހުގެ ނިންމުންތަކަށް އީރާނުން ފުރިހަމައަށް ބޯލެނބުމަށް ބާރުއެޅުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދިފައެވެ.













