ގަލްފުގެ ސަރަޙައްދުގައި ހަމަނުޖެހުންތައް އިންތިހާއަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި، އީރާނުން ބަޙްރައިނަށް އަމާޒުކޮށް ދިން ނުރައްކާތެރި ޙަމަލާތަކެއް އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމުން ކާމިޔާބުކަމާއެކު ނާކާމިޔާބު ކޮށްލައިފިއެވެ. ބަޙްރައިންގެ އަސްކަރިއްޔާއިން މި ޙަމަލާތައް ސިފަކޮށްފައިވަނީ އީރާނުން އެ ޤައުމާ ދެކޮޅަށް ރާވައިގެން ހިންގާ ނުބައި އަދި އުދުވާނީ އަމަލެއްގެ ގޮތުގައެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވަނީ އެމެރިކާއަށާއި ގަލްފުގެ ޤައުމުތަކަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ އީރާން އަބަދު ”ހަނގުރާމައެއް ނޫން އަދި ސުލްޙައެއްވެސް ނޫން“ ފަދަ ޙާލަތެއްގައި ނޯންނާނެ ކަމަށެވެ. އަދި އެމެރިކާއިން އެއްވެސް ކަހަލަ ”ގޯހެއް ހަދައިފިނަމަ“، ހަނގުރާމައިގެ ދާއިރާ މުޅި ސަރަޙައްދަށް ފުޅާކޮށްލާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.
ހަމައެއާއެކު، ސަރަޙައްދީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ބާބުލް މަންދަބް ކަނޑުއޮޅި ކައިރީގައި ހޫޘީން ހަރަކާތްތެރިވަމުންދާތީ، އެ ސަރަޙައްދުން ހޫޘީން ބޭރުކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމަށް ޔަމަނުގެ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ސަރުކާރުން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ދެ ޓޭންކަރެއް ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި، އަލިފާން ރޯވެފައިވާ ކަމަށް އީރާނުގެ ކަނޑުގެ ސިފައިން ވަނީ ހާމަކޮށްފައެވެ. މިއީ ފަހަކަށް އައިސް މި ސަރަޙައްދުގައި ހިނގައިދިޔަ މިފަދަ ހަތްވަނަ ހާދިސާއެވެ. މި ހާދިސާތަކާ ގުޅިގެން މުޅި މެދުއިރުމައްޗާއި ގަލްފުގެ ސަރަޙައްދުގައި ވަނީ ހަނގުރާމައިގެ ބިރުވެރިކަން ކުރިއަށްވުރެ ބޮޑަށް އިތުރުވެފައެވެ.












