ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާގެ 500 މިލިއަނެއްހާ މީހުން ފަގީރުކަމުގެ ރޮނގުން މައްޗަށް އަރައި، އެ ގައުމުން ރެކޯޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ. ނަމަވެސް، ކަރުދާހުގައި ފަގީރުކަމުން އަރައިގަނެވިފައިވާ ކަމަށް ދެއްކި ނަމަވެސް، ކުރިމަތިވާ ކުޑަ މާލީ ލޮޅުމަކުން ވެސް މިލިއަނުން މީހުން އަނެއްކާވެސް އިންތިހާ ފަގީރުކަމުގެ ތެރެއަށް ވެއްޓިދާނެ ނާޒުކު ހާލަތެއްގައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވޯލްޑް ބޭންކުގެ އެންމެ ފަހުގެ ރިޕޯޓުގައި ވާގޮތުން، 2011 އާއި 2023 އާ ދެމެދު އިންޑިއާގައި އިންތިހާ ފަގީރުކަން ވަނީ 27.1 އިންސައްތައިން 2.6 އިންސައްތައަށް ދަށްކުރެވިފައެވެ. މިއީ ތާރީޚުގައި ވެސް މިފަދަ ބޮޑު މިންވަރަކަށް ފަގީރުކަން ނައްތާލެވުނު މަދު ފަހަރުތަކުގެ ތެރެއިން އެއް ފަހަރެވެ. މިފަދަ ކާމިޔާބީއެއް މީގެ ކުރިން ހޯދާފައިވަނީ 40 އަހަރުގެ ތެރޭގައި 800 މިލިއަން މީހުން ފަގީރުކަމުން ސަލާމަތްކުރި ޗައިނާއިން އެކަންޏެވެ.
އެހެންނަމަވެސް، އިންޑިއާގެ އާބާދީގެ ބޮޑުބައެއް އަދިވެސް ދިރިއުޅެމުންދަނީ ދަތިހާލުގައެވެ. ރާޖަސްތާނުގެ ރާޖްސަމަންދު ޑިސްޓްރިކްޓަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ހެމާ ޕްރަޖާޕަތު ނަމަކަށްކިޔާ މީހަކު މީޑިއާއާއި ދެއްކި ވާހަކައިން މި ހަގީގަތް ވަރަށް ބޮޑަށް ހާމަވެއެވެ. ތިން މީހުންގެ މައްޗަށް އެކުލެވޭ އޭނާގެ އާއިލާއިން މަހެއްގެ މައްޗަށް 11،000 ރުޕީސް (117 ޑޮލަރު) ހަރަދުކުރެއެވެ. ވޯލްޑް ބޭންކުން ކަނޑައަޅާފައިވާ ފަގީރުކަމުގެ މިންގަނޑަށް (މަހަކު ގާތްގަނޑަކަށް 7,380 ރުޕީސް) ވުރެ މަތިން ހަރަދުކުރާތީ، ރަސްމީ ހިސާބުތަކުން ހެމާގެ އާއިލާއަކީ މިހާރު ފަގީރު އާއިލާއެއް ނޫނެވެ.
”ބަނޑުގައި ކަށި ފެޅިޔަސް، ބަނޑުހައިހޫނުކަމުން ވާ ތަދަށްވުރެ ބޮޑު ތަދެއް ނުވާނެ، އެމީހުން ކަނޑައަޅާފައިވާ ފަގީރުކަމުގެ މިންގަނޑު މާ ދަށީ. އެ މިންވަރުން އެއްވެސް އިންސާނަކަށް އަބުރުވެރި ދިރިއުޅުމެއް ނޫޅެވޭނެ. ރިޕޯޓު ތައްޔާރުކުރި އޮފިޝަލުން އޭސީ ކާރުތަކުން ބޭރަށް ނުކުމެ ބަލައިލިބާ؟“މީޑިއާއަށް މައުލޫމާތު ދެމުން ހެމާ ބުނެފައިވެއެވެ.
އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި އިންޑިއާއިން ފަގީރުކަން ވަޒަންކުރާ މިންގަނޑު ހުރީ ހަގީގަތާ ވަރަށް ދުރުގައެވެ. ތަރައްގީގެ ދާއިރާގެ އިގްތިސާދީ މާހިރެއް ކަމަށްވާ ސަންތޯޝް މެހްރޯތުރާ މީޑިއާއަށް ވިދާޅުވިގޮތުގައި، ކަރުދާހުގައި ފަގީރުކަމުން އަރައިގެންފައިވާ އެތައް މިލިއަން ބަޔަކު ތިބީ އެންމެ ”ޝޮކެއް“ގެ ސަބަބުން އަލުން އަނބުރާ ފަގީރުކަމަށް ވެއްޓޭ ހިސާބުގައި ކަމަށެވެ. އެ ޝޮކަކީ ބައްޔެއް، ފެންބޮޑުވުމެއް، ނުވަތަ އާއިލާގެ ކައިވެންޏެއް ފަދަ ކަމެއް ކަމުގައި ވެދާނެއެވެ.
މީގެއިތުރުން، ވޯލްޑް ބޭންކުގެ މިންގަނޑުގައި ސިޓީތަކާއި އަވަށްތަކުގެ ދިރިއުޅުމުގެ ޚަރަދުތަކުގެ ތަފާތު ބަލާފައި ނުވާކަމުގެ ކަންބޮޑުވުން ވެސް އޮތެވެ. ނިއުދިއްލީގެ ބޭރުގައި ދިރިއުޅޭ ސީމާ ކުމާރު ފަދަ އާންމުން ބުނާ ގޮތުގައި، ވައި ތަޣައްޔަރުވުމުގެ ސަބަބުން އާއިލާ ބަލިވުމުން މާސްކެއް ގަންނާނެ މާލީ ތަނަވަސްކަން ވެސް ނެތްއިރު، އެމީހުންނަކީ ފަގީރުން ނޫން ކަމަށް ބުނުމަކީ ޖޯކެކެވެ.

އިންޑިއާއަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އިގްތިސާދު ކަމުގައި ވިޔަސް، އެ ގައުމަކީ ދުނިޔޭގެ އެންމެ ބޮޑު މާލީ ފަރަގެއް އޮތް އެއް ގައުމެވެ. އެގައުމުގެ އެންމެ މުއްސަނދި 1 އިންސައްތަ މީހުން ގައުމުގެ 40 އިންސައްތަ މުއްސަނދިކަން ކޮންޓްރޯލް ކުރަމުންދާއިރު، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ފަގީރުކަމާ ގުޅޭ ރަސްމީ ހިސާބުތައް އާންމުނުކުރާތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
އެހެންކަމުން، ބައިނަލްއަގުވާމީ ރިޕޯޓުތަކުން އިންޑިއާ ކުރިއަރަމުންދާ ކަމަށް ދެއްކި ނަމަވެސް، އެ ގައުމުގެ އެތައް މިލިއަން އާންމު ރައްޔިތުންނަށް އެ ”ކުރިއެރުމުގެ“ ހަގީގީ ފޮނިމީރުކަމެއް އަދިވެސް އިހުސާސެއް ނުކުރެވެއެވެ.




