މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހއ. ދިއްދޫން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. މާހަލް، މާލެ، ޢަބްދުލްޙަންނާން އާދަމް (60އ) ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހއ. އަތޮޅު ފުލުހުން ގުޅިގެން، 13 ނޮވެމްބަރު 2026 ގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި އޭނާ ހުއްޓުވައި ބަލައިފާސްކޮށްފައިވަނީ ހއ. ދިއްދޫ ބަނދަރުގެ ދެކުނުފަރާތު ރަސްމީ ސިޑި ކައިރިންނެވެ.
އޭނާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި އަތުލައިގަނެވުނު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 53.2 ގްރާމެވެ.
މި މައްސަލައާ ގުޅިގެން، ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.













