އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމުގެ ބާވެފައިވާ އާލާތްތަކަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ގައުމުގެ ވައިގެ ސަރަހައްދު ގަޑިއިރުތަކަކަށް ބަންދުކޮށްފައި އޮތުމަށް ފަހު، ދަތުރުފަތުރު އަލުން ފަށައިފި އެވެ.
ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، އީސްޓަން ޓައިމް އިން ރޭ 8:15 ގައި އެމެރިކާގެ ވައިގެ ސަރަހައްދު ވަނީ އަލުން ހުޅުވާލާފަ އެވެ. އެހެންނަމަވެސް، ވައިގެ ދަތުރުފަތުރު އެއްކޮށް ހުއްޓުމަކަށް އައުމުގެ ސަބަބުން ދިމާވި ބުރޫއެރުންތައް ފިލައި، ހުރިހާ ފްލައިޓްތަކެއްގެ އޮޕަރޭޝަންތައް އާންމު ހާލަތަކަށް ރުޖޫއަވާނީ މަޑުމަޑުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި ހާދިސާ މެދުވެރިވާން ދިމާވި ސަބަބު ސާފުކޮށްދެއްވަމުން ޑަފީ ވިދާޅުވީ، ސިސްޓަމްތަކަށް ޑޭޓާ އޯވަލޯޑްވެ، ނެޓްވޯކް ސްވިޗްތަކާއި ރައުޓަރުތައް ހުއްޓުމަކަށް އައީ ކަމަށެވެ. މިއީ ބާވެފައިވާ ހާޑްވެއާތަކަށް ދިމާވި މައްސަލައެއްކަން ފާހަގަކުރައްވައި، އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމު ޒަމާނީކޮށް އަޕްގްރޭޑް ކުރުމަށްޓަކައި 30 ބިލިއަން ޑޮލަރުގެ ބަޖެޓެއް ހޯދުމަށް ވައިޓް ހައުސްއިން ކޮންގްރެސްގައި އެދުނުތާ އެންމެ ދުވަހެއް ފަހުން މިފަދަ ކަމެއް ހިނގުމުން، އެ ފައިސާ ދޫކުރަން ރައްޔިތުން ބޭނުންވޭތޯ އޭނާ ސުވާލު އުފެއްދެވި އެވެ. ނަމަވެސް، އެމެރިކާގެ ވައިގެ ދަތުރުފަތުރަކީ އަދިވެސް ފުރިހަމައަށް ރައްކާތެރި ހިދުމަތެއް ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މުލިން ވަނީ، މިއީ އެމެރިކާއަށް އަމާޒުވި ސައިބާ ހަމަލާއެއް ކަމަށް ފެތުރެމުންދާ އަޑުތައް ދޮގުކުރައްވާފަ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހިދުމަތްތަކަށް ބުރޫއެރި މައިކްރޮސޮފްޓްގެ ޓެކްނިކަލް މައްސަލައާ މިކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައިބާ ހަމަލާއެއް ދީފި ނަމަ އާންމު ގޮތެއްގައި ކޮންމެވެސް ބަޔަކު އެކަމުގެ ޒިންމާ ނަގާނެ ކަމަށާއި، ނަމަވެސް މި ހާދިސާގައި އެފަދަ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް މުލިން ވިދާޅުވި އެވެ. އެހެންނަމަވެސް، އެމެރިކާގެ ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އެއްވެސް ކަމެއް އަދި އެއްކޮށް ދޫކޮށްނުލާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.
ވައިގެ ދަތުރުފަތުރު ހުއްޓުނުތާ ފަސް ގަޑިއިރު ވީއިރު ވެސް ރައީސް ޑޮނަލްޑް ޓްރަމްޕް އެއްވެސް ބަޔާނެއް ނުދެއްވާތީ އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން، ޑަފީ އާއި މުލިން ވަނީ ރައީސްގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން، ހާދިސާ ހިނގުމާއެކު ޓްރަމްޕް ވަގުތުން ކަމާބެހޭ އިސް ފަރާތްތައް އޮފީހަށް ހާޒިރުކުރައްވައި، ހާލަތު ވަރަށް ގާތުން ބައްލަވައި މައުލޫމާތު ސާފުކުރައްވަމުން ގެންދެވި ކަމަށް މުލިން ވިދާޅުވި އެވެ.













